ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މޯބައިލްފޯން ބްރޭންޑް "ވަން ޕްލަސް" އިން މި އަހަރު ނެރޭ އެ ބްރޭންޑުގެ އެންމެ ފަހުގެ ފޯނު ވަން ޕްލަސް 6 ގެ ޓީޒާ ޓްރެއިލާއެއް ދައްކާާލައިފިއެވެ.

ވަން ޕްލަސްގެ ރަސްމީ ޓްވިޓާގައި ހިއްސާ ކުރި ކުރު ވީޑިއޯއިން ފެނިގެން ދަނީ އެންމެ ޖުމްލައެެކެވެ. ވަން ޕްލަސް 6ގެ ޓީޒާއެއްގެ ގޮތުގައި ނެރުނު އެ ވިޑިއޯގައި ހަމައެކަނި ފެނިިގެންދަނީ "ދަ ސްޕީޑް ޔޫ ނީޑް" މިހެން އަރާތަނެވެ. މިއާއެކު ވަން ޕްލަސް 6 އަށް އެތައް ބަޔަކު ކުރަމުންދާ އިންތިޒާރަށް ވަނީ އިތުރު ބާރެއް ލިބިގެން ގޮސްފައެވެ.

މި ޓީޒާއާއެކު އަނެއްކާވެސް ވަން ޕްލަސް 6 އާ ބެހޭގޮތުން އިވޭ އަޑުތައް ދަނީ ގަދަވަމުންނެވެ. އެގޮތުން މާހިރުން މިހާރު ލަފާ ކުރަމުންދަނީ އެ ފޯނުގެ ސްޕެސިފިކޭޝަންތަކެވެ.

ލަފާ ކުރެވިފައިވާ ގޮތުގައި ވަން ޕްލަސް 6 ނެރޭނީ ތިން ވޭރިއަންޓަކަށެވެ. އެއީ 64 ޖީބީ ސްޓޯރޭޖް އަދި 6 ޖީބީ ރެމް ހުންނަ ވޭރިއަންޓާއި، 128 ޖީބީ ސްޓޯރޭޖް އަދި 6 ޖީބީ ރެމް ހުންނަ ވޭރިއަންޓުގެ އިތުރުން 256 ޖީބީ ސްޓޯރޭޖާއެކު 8 ޖީބީ ރެމް ހުންނަ ވޭރިއަންޓެވެ. މީގެން ކޮންމެ ވޭރިއަޓެއްގައިވެސް ހުންނާނެ ކަމަށް ބެލެވިފައި ވަނީ އެންމެ ފަހުގެ ސްނެޕްޑްރެގަން 845 ޕްރޮސެސާއެކެވެ.

އެހެން ކަމުން މީގެ ކުރިން އެ ބްރޭންޑުގެ ފޯނެއްގެ ސްޕީޑު ރަނގަޅު ނުވާ ވަރަށް ވަން ޕްލަސް 6ގެ ސްޕީޑު ރަނގަޅުވާާނެ ކަމަށް ވަނީ ބެލެވިފައެވެ.

މީގެ އިތުރުން އެ ފޯނުގައި އެންމެ ފަހުގެ އެންޑްރޮއިޑް 8.1 އޯރިއޯ އަދި 20/16 މެގަޕިކްސެލް ޑުއަލް ފަހަތު ކެމެރާ، 16 މެގަޕިކްސެލްގެ ފްރޮންޓް ކެމެރާއެއްވެސް ހިމެނޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ވަން ޕްލަސް 6 ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނު ކޮށްފައި ނުވެއެވެ. ނަމަވެސް މި މަހުގެ ތެރޭގައި ރިލީޒް ކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހުރަ

    އޯ ޝިޓޫ!!!!!! ވަން ޕްލަސް އިން މިފަހަރު ނިކުންނަނީ އެސް9+ ތަޅާލަން ދޯ!!!!!!!!!