ދާދި ފަހުން ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން މީހެއްގެ މައުލޫމާތު ލީކް ވުމާއެކު ފޭސްބުކް ވަނީ ހޫނު ފެނަށް ވެއްޓިފައެވެ. އެ ވެބްސައިޓް ބޭނުން ކުރާ މީހުންގެ ހުރިހާ މައުލޫމާތެއް އެއްކޮށް އެ މައުލޫމާތު ރައްކާތެރި ނުކުރެވުމުން އެތައް ބަޔަކު މިހާރު ވަނީ ފޭސްބުކް ދޫކޮށްލައި އެހެން މީސް މީޑިއާތައް ބޭނުން ކުރަން ފަށާފައެވެ.

މިހާރުވެސް ފޭސްބުކް ހޫނު ފެނުގައި އޮތް އިރު އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ) ޝެރިލް ސޭންޑްބާގް ދެއްކި ވާހަކައަކުން އެތައް ބަޔަކު ވަނީ ރުޅިވެރިކަން ފާާޅުކުރަން ފަށާފައެވެ. އެއީ ފޭސްބުކުން ފައިސާ ހޯދުމަށްޓަކައި، އެ ވެބްސައިޓު ބޭނުން ކުރާ ފަރާތްތަކަށް ދައްކާ އިސްތިހާރުތަކާ ބެހޭގޮތުން ދެއްކި ވާހަކައަކުންނެވެ.

އިސްތިހާރުތަކަކީ ފޭސްބުކަށް އާންމުދަނީ ލިބޭ މައިގަނޑު ވަސީލަތެވެ. ނަމަވެސް އިސްތިހާރުތައް ވެބްސައިޓު ބޭނުން ކުރާ ފަރާތްތަކަށް ދެއްކުމަށްޓަކައި އެކުންފުނިން އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު އެއްކުރުމުން އިސްތިހާރުތައް ބެލުމަށް ގިނަ ފާރަތްތަކުން މިހާރު ނޭދެއެވެ.

އެކަމާ ގުޅިގެން ޝެރިލް ސޭންޑްބާގް ބުނީ އިސްތިހާރުތައް ބަލަން ބޭނުން ނޫންނަމަ އެކަމަށް ޖެހޭނީ ފައިސާ ދެއްކުމަށް ކަމަށެވެ. އަދި ފޭސްބުކް ބޭނުން ކުރާ އިރު އިސްތިހާރުތައް ނުފެންނަ ގޮޮތައް ހެދުން އޭނާ ސިފަ ކުރީ "ޕެއިޑް ޕްރޮޑަކްޓް" އެއްގެ ގޮތުގައެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ފައިސާ ދައްކައިގެން އިސްތިހާރު ނުބެލޭނެ ގޮތް ފޭސްބުކުން ހަދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކެމްބްރިޖް އެނަލެޓިކާ ނަމަކަށް ކުޔާ ކުންފުންޏެއް މެދުވެރިކޮށް ފޭސްބުކްއިން ވަގަށް ނަގާފައި ވަނީ ގާތްގަނޑަކަށް 90 މިލިއަން މީހުންގެ ޒާތީ މައުލޫމާތެވެ.