ކައިވެނިކޮށްގެން އުޅޭ ރޯމާނިއާގެ ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޅަ އުމުރުގައި ކެންސަރު ބަލީގައި ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވުމާއި، ގުޅިގެން ދެމަފިރިން އަމިއްލައަށް މަރުވެއްޖެއެވެ.

މިކަން ހިނގާދިޔައީ، އެ މީހުންނަށް ލިބުނު ދަރިފުޅު ކްރިސްޓިއަން ޑިމިޓްރިސް އަރަވާ އުމުރުން ނުވަ އަހަރުގައި މަރުވިތާ މާ އިރުތަކެއް ނުވަނީސްއެވެ.

އުމުރުން 46 އަހަރުގެ މި ދެމަފިރިންގެ ހަށިގަނޑު ފެނިފައި ވަނީ، އަވަށްޓެރިންނަށެވެ. ދެ މީހުންވެސް މަރުވިއިރު، އުމުރަކީ 46 އަހަރެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކޮންސްޓާންޓާގައި ހުންނަ އެ އާއިލާގެ އެޕާޓްމެންޓް ތެރޭގައި ދެ މަފިރިން އަމިއްލައަށް މަރުވިއިރު، އެ މީހުންގެ ދަރިފުޅުގެ ހަށިގަނޑު އޮތީވެސް އެ ދެ މީހުން ކައިރީގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާވެސް އަމިއްލައަށް ދަންޖެހުނީއެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ، ދަރިފުޅު ކައިރީގައި އޮއްވާއެވެ. އަދި އޭނާގެ ފިރިމީހާގެ ހަށިގަނޑު ފެނިފައި ވަނީ ބަދިގޭގައި ދަންޖެހިފައި ހުއްޓާއެވެ.

މި ދެމަފިރިން ވަނީ 13 ގަނޑު ހިމެނޭ ދިގު ސުސައިޑް ނޯޓެއް ގޭގައި ބާއްވާފައެވެ. އެ ނޯޓުގައި ދެމަފިރިންގެ ދަރިފުޅުގެ ސިކުނޑީގައި ޓިއުމަރެއް އުފެދުނު ވާހަކަ ހިއްސާކޮށްފައި ވެއެވެ.

މީގެ ހަތް އަހަރު ކުރިން އެ އަންހެން މީހާ ބްލޮގެއްގައި ލިޔެފައި ވަނީ، ދަރިފުޅުގެ ސިކުނޑީގައި ޓިއުމަރެއް ހުރިކަން އެނގުމުން، ހީވީ އަމިއްލައަށް މަރުވާން އުޅެނީ ހެން ކަމަށެވެ.

ކްރިސްޓިންއަށް ކެންސަރު ޖެހުނީ އުމުރުން ދެ އަހަރުގައެވެ. އެއިރު ދިރިފުޅު ރަނގަޅުވެދާނެ ކަމުގެ އުއްމީދު އޮތް ނަމަވެސް ފަހުން އޭނާގެ ސިކުނޑީގައި އުފެދުނު ޓިއުމަރު ދިޔައީ ބޮޑުވަމުންނެވެ. އަދި އޭނާއަށް ފަރުވާދިނުމަށް އޮޕަރޭޝަން ނުކުރެވޭނެކަންވެސް އެނގުނެވެ.

އެ އަންހެން މީހާ ވަނީ ދަރިފުޅަށް ދިމާވި އެ ކަންކަމާއި ހެދި ދެމަފިރިންގެ ހިތްފަޅައިގެން ގޮސްފައިވާކަމަށް އެ ބްލޮގްގައި ލިޔެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙަންމަދު ސަލީމް

    އަޅުގަޑުގެ ނަޒަރުގައި މިބާވަތުގެ ވާހަކަތައް ޢާންމު ކުރުމުން ހިތުގައި ބަލިމަޑުލަމެއް ހުންނަ މީހަކަށް މިފަދަ ހިތާމައެއް ދިމާވުމުން މަރު އިޚްތިޔާރު ކުރުމަށް ބާރު އޅާދެވޭނެތީ މިފަދަ ވާހަކަތަށް ޢާންމު ނުކުރުން މުޖުތަމަޢުގެ ސަލާމަތަށްޓަކައި މާ ބޮޑައްވެސް މުހިންމު ކަމަށް ދެކެމެވެ. - ނޫސްވެރި ކަމުގައި ކުރައްވާ ބުރަ މަސައްކަތަށް ތަޢުރީފުކަށް ޝުކުރު ދަންނަވަން.

    27