ކުޑަކުދިންނަށް ޚާއްސަ އުފެއްދުންތައް އުފައްދާ ޖޯންސަންސް އެންޑް ޖޯންސަންސް ބޭބީ ފުށުގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް ހުންނަ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ތަހުލީލު ކުރެވުނު ފުށުން ފެނިފައިވަނީ އެސްބެސްޓޯސް ނަމަކަށް ކިޔާ މާއްދާއެކެވެ. އެ މާއްދާއަކީ ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި އެމާއްދާ ފެނިފައިވަނީ މަދު މިންވަރަކަށް ކަމަށާއި، އެހެން ނަމަވެސް ސަލާމަތީ ފިޔަވަޅު އެޅުމުގެ ގޮތުން އެ ބްރޭންޑުގެ ފުށް ވިއްކުން މެދުކަނޑާލާފައިވާ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން ޖޯންސަންސް އެންޑް ޖޯންސަންސް ކުންފުނިން ބުނެފައިވަނީ އެކުންފުނީގެ ބޭބީ ފުށުގައި އެފަދަ އެ މާއްދާ ނުހުންނާނެ ކަމަށެވެ. ނަމަވެސް އެ ކަމުގެ ސަބަބުން ހިއްސާގެ ބާޒާރުގައި އެކުންފުނީގެ އަގުތައް 2.6 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ.

ޖޯންސަންސް އެންޑް ޖޯންސަންސްގެ ބޭބީ ފުށުގައި އެފަދަ މާއްދާއެއް ހުންނަ ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާއިން ހާމަކުރުމާ ގުޅިގެން އެތައް ބަޔަކު ދަނީ އެކުންފުންޏާ ދެކޮޅަށް ކޯޓުތަކުގައި މައްސަލަ ހުށަހަޅަމުންނެވެ. އެގޮތުން މިހާ ތަނަށް 13000 އަށްވުރެ ގިނަ މައްސަލަ އެކުންފުންޏާ ދެކޮޅަށް އެގައުމުގެ ކޯޓުތަކަށް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު