ފްލޮރިޑާ އަންހެނަކު އުރަމަތީ ކެންސަރު ޖެހިގެން އުޅެނިކޮށް އޭނާ އެކަމުން ސަލާމަތްކޮށްދިނީ، ދާދި ފަހުން އީޖާދު ކުރި ކެންސަރު ބަލިން ސަލާމަތްކޮށްދޭ ވެކްސިންނެވެ. މިހާރު ކުރިއަށްދަނީ އެ ވެކްސިން ޓެސްޓު ކުރުމުގެ ކަންކަން ކުރަމުންނެވެ.

ލީ މާކާ ނަމަކަށް ކިޔާ މި އަންހެން މީހާ އުރަމަތީ ކެންސަރު ޖެހުނުކަން އެނގުނީ މިދިޔަ މާރީޗް މަސް ތެރޭގައެވެ. އޭނާއަށް ކެންސަރި ޖެހުނުކަން އެނގުނީ، އެބަލި ޖެހުނުތާ މާ ގިނަ ދުވަސް ވީ ފަހުން ނޫނެވެ. އޭނާ ބުނީ، އެ ބަލި ޖެހުމުން ވަރަށް ދެރަވި ކަމަށެވެ.

މާކާގެ ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔައީ މާޔޯ ކްލިނިކުންނެވެ. އެ ކްލިނިކުން އޭނާއަށް ފުރުސަތު ދިނީ، އެ ކްލިނިކުންވެސް ޓެސްޓު ކުރަމުން އަންނަ ވެކްސިން ބޭނުންކޮށްގެން ކެންސަރު ސެލްސްތައް މަރާލެވޭތޯ ކަށަވަރު ކުރުމަށެވެ.

"އަހަރެން އޭގައި ސޮއިކޮށް، އެ ޓްރިއަލް ވެކްސިން ކޯސް ފަށާއި، 12 ހަފްތާ ވަންދެން ކުރިއަށް ގެންދިޔަ". މާކާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެ ވެކްސިން ޖަހަނީ ކެންސަރު ޖެހިފައި ހުންނަ ތަނަކަށެވެ.

އޭނާއަށް އެ ބަލިން ސަލާމަތްވުމުން ގިނަބަޔަކު ހައިރާންވެސް ވިއެވެ. އޭނާއަށް އެ ބަލިން ސަލާމަތްވެފައި ވަނީ ހަތް މަހުންނެވެ. އޭނާގެ އުރަމަތީގައި އުފެދުނު، ޓިއުމަރު ވިރިގެން ދިޔައީ އެ ވެކްސިން ފެށުމުންނެވެ. އެ ވެކްސިން ދިޔައީ އޭނާގެ އުރަމަތީ ހުރި ކެންސަރު ސެލްސްތައް މަރަމުންނެވެ. އަދި އޭނާގެ އިމުއުނިޓީ ވަރުގަދަކުރަމުންނެެވެ.

އޭނާ ކެންސަރު ބަލިން ސަލާމަތްވިކަން ދެފަހަރަށް މިހާރު ވަނީ ޗެކްކޮށްފައެވެ. އަދި އެ ބަލި އެއްކޮށް އޭނާގެ ހަށިގަނޑުން ގޮސްފައިވާކަން ވަނީ ޔަގީންވެފައެވެ.