މީސްމީޑިޔާ ނުވަތަ މާސްމީޑިޔާގައިވެސް އެޑްސް ނުވަތަ އިޝްތިހާރުގެ އުދަގޫ ބޮޑުވެ، އެޑް ބްލޮކިން އެކްސްޓެންޝަން ބޭނުން ކުރާ މީހުންގެ އަދަދު މިވަނީ އިތުރު ވެފައެވެ. އެހެންނަމަވެސް އެޑް ބްލޮކިން އެކްސްޓެންޝަންއަކީ އިތުބާރު ކުރެވޭ އެއްޗެއްތޯ ސުވާލު ކުރެވެން ޖެހެއެވެ.

ދުވާލެއްގެ މައްޗަށް އެތައް މިލިއަން ޑާޓާއެއް އިންޓަރނެޓްއަށް އަހަރެމެން ދޫކޮށްލާއިރު، ކޮންމެ ދުވަހަކު އިންޓަރނެޓްގައި ޑިޖިޓަލް ފުޓް ޕުރިންޓެއް އަހަރެމެން މިދަނީ ދޫކުރަމުންނެވެ. މި މައުލޫމާތުތަކަކީ ބޮޑު އަގެއްގައި ވިއްކޭނެ މައުލޫމާތުތަކެކެވެ. ދާދި ފަހުން ކޭމްބްރިކް އެނަލިޓިކާއިން ފޭސްބުކްއިން އެތައް މީހެއްގެ މައުލޫމާތު ވިއްކާ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާފައިވާކަންވަނީ ފަޅާއަރާފައެވެ. އަދި މިކަމާ ގުޅިގެން އެތައް ބަޔަކު އެމީހުންގެ ޕްރައިވެސީ ރައްކާތެރިކޮށް ދިނުމަށް އެދި އެއްވުންތައްވަނީ ބާއްވާފައެެވެ.

އެޑް ގާޑްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގޫގަލް ކުރޮމް ބޭނުން ކުރާ 20 މިލިޔަނަށްވުރެ ގިނަ މީހުންވަނީ ފޭކް އެޑް ބުލޮކިން އެކްސްޓެންޝަން ބޭނުންކޮށްފައެވެ. އަދި މި އެކްސްޓެންޝަންގެ އެހީގައި މިމީހުންގެ މައުލޫމާތު ވަގަށް ނަގާފައިވާކަމަށްވެސް އެޑް ގާޑްއިން ބުނެއެވެ.

ތިމާގެ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި މާސްމީޑިޔާ ބޭނުން ކުރާއިރު މިފަދަ ކަންކަމަށް ރައްކާތެރި ވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަދި އެޑް ބުލޮކަރ ބޭނުން ކުރިޔަސް އެއީ އޮރިޖިނަލް އެއްޗެއްތޯ ޔަގީން ކުރުމަށްފަހު ނޫނީ ބޭނުން ކުރުން ބުއްދިވެރިއެއް ނޫނެވެ.