ފާއިތުވި ހަތް މަސް ދުވަހު މުޅި ދުނިޔެ ވެސް ތަހައްމަލު ކުރަމުންދަނީ ފުރަބަންދުގެ ހިތްދަތި ދުވަސްތަކެކެވެ. މިކަހަލަ އުދަނގޫ ވަގުތެއްގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑޮކުޓަރުންނާއި ސިފައިންނާއި ފުލުހުން ފަދަ އެތައް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމުގެ އިތުރު މި ފަދަ ފަރާތްތަކުން ދަނީ އެދެވޭ ރަނގަޅު މެސެޖުތައް ފޯރުކޮށްދިނުމަށް ވެސް އެތައް ކަމެއް ކުރަމުންނެވެ.

މިގޮތަށް ބަލި މީހުން އުފާކޮށްދިނުމުގައި އުޅޭ ޑޮކްޓަރަކަށް އާއްމުންގެ ސަމާލުކަން މި ވަނީ ލިބިފައެވެ. އެއީ އިންޑިޔާގެ ކަރުންމަތީގެ ޑޮކްޓަރެއް ކަމަށްވާ އަރުޕް ސެނަޕަތީ އެވެ. އޭނާ، އޭނާގެ ބަލި މީހުން ހިތްހަމަ ޖައްސައިދިނުމަށާއި، އުފާކޮށްދިނުމަށް ބަލިމީހުންގެ ކުރިމަތީގައި ނެށީއެވެ.

ބޮލީވުޑުގެ ކާމިޔާބު ފިލުމު ''ވަރ''ގެ ''ގުންގުރޫ'' ލަވައަށް އަރުޕް ނަށާފައިވާ ވީޑިޔޯ ޓްވިޓާގައި ހިއްސާކުރަމުން ޑރ. ސައީދު ފައިޒާން އަހުމަދު ބުނެފައިވަނީ ކޮވިޑް-19 ޖެހިފައިވާ ބަލި މީހުން އުފާކޮށްދިނުމަށް ޑރ. އަރުޕް ނަށަނީ ކަމަށެވެ.

އޭނާ ނަށާފައި ވަނީ ޕީޕީއީވެސް އަޅައިގެން ހުރެއެވެ.

މި ވީޑިއޯ ޓްވީޓް ކުރިތާ ދެ ގަޑިއެއްހާއިރު ތެރޭގައި 7،800 މީހުން ބަލާފައިވެއެވެ. އަދި ވެސް އިތުރު މީހުން ދަނީ މި ވީޑިއޯ ބަލަމުންނެވެ. އަދި މީގެއިތުރުން ތައުރީފުގެ އެތައް ކޮމެންޓެއް ވެސް ލިބިފައިވެއެވެ.

ޑރ. އަރުޕްގެ ނެށުމަށާއި އަދި މިކަހަލަ އުދަނގޫ ދުވަސްވަރެއްގައި އެހެން މީހުންނަށްޓަކައި އޭނާ އެ ކޮށްދޭ މަސައްކަތަށް ވެސް އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

މި ލަވައަކީ ރިތިކް ރޯޝަން ޑާންސްކޮށްފައިވާ ލަވައެއްކަމުން އެތައް ބަޔަކު ދަނީ އެ ވީޑިޔޯގައި ރިތިކް ޓެގް ކުރަމުންނެވެ. އެއީ އޭނާ ވެސް ބަލައިލަން ޖެހޭނެ ވީޑިއޯއެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހހ

    ސްޓާރަކަށް ވުރެއްވެސް މާ ރީތި ނަށެން..😍😍