ކޮވިޑް-19ގެ ބަލިމަޑުކަމާއި އެކުއެ ބަލި ޖައްސާ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމުގެ ޚިޔާލު އަބަދުވެސް ބޮލުގައި ހަރުލާފައި އެބަ ހުރެއެވެ. ޚަބަރާއި ސޯޝަލް މީޑިއާއިން ވެސް އެވާހަކަތައް ތަކުރާރުކޮށް އިވެމުންދާއިރު ބައެއް ފަހަރު ކިރިޔާ ކިނބިއްސެއް އަޅާލިޔަސް އެއީ ކޮވިޑް ޖެހުނީބާއޭ ހިތަށް އަރާ ހިސާބަށް ކަންތައް އޮތީ ގޮސްފައެވެ.

ކެއްސުމާއި، ގަދަޔަށް ހުން އައުމާއި، ވަސް ނުދުވުމާއި، ރަހަ ނުލުމަކީ ކޮވިޑް-19އިގެ އަލާމާތްތައްކަން އަހަރުމެން އެންމެންނަށްވެސް އެނގެއެވެ. އެކަމަކު ވަރުބަލިވުން އެއި ހަމަ ކޮވިޑްގެ އަލާމާތެއް ހެއްޔެެވެ؟ އެހެންކަމަށް ވާނަމަ އާދައިގެ ވަރަކަށް ވަރުބަލި ވުމާއި ކޮވިދްގެ ސަބަބުންވާ ވަރުބަލިކަން ދެނެގަންނާނީ ކިހިނެއްހެއްޔެވެ؟

މުޅި ދުވަހު ވަރުބަލިވެ އާދަޔާ ޚިލާފަށް ލޮޑުވުމަކީ ކޮވިޑް ނޫން ހާލަތްތަކުގައިވެސް ދިމާވާ ކަމެކެވެ. މިހެން މެދުވެރިވަނީ ރޭގަނޑު ހޭލާ ހުރުމާއި، ބުރަކޮށް މަސައްކަތް ކުރުމާއި ސްޓްރެސްވުމުންނެވެ. އެހެންނަމަވެސް މެދު ނުކެނޑި ދުވަސްތަކެއް ވަންދެން ވަރުބަލި ވާނަމަ މިއީ ސަމާލުވާން ޖެހޭ ކަމެކެވެ. ޚާއްސަކޮށް ދިރިއުޅުމުގެ ވައްޓަފާޅި އާދައިގެ ގޮތަކަށް ހުރި ނަމަ ވަރުބަލި އިހުސާސް ކުރެވިގެން ނުވާނެއެވެ.

މާބޮޑަށް ދެރަވާ ކަމެއް ނޫނީ ވަރުބަލިވާ ކަމެއް ނުކޮށް، ވަރުބަލިވާ ނަމަ އެއީ ކޮވިޑްގެ އަލާމާތަކަށް ވެދާނެއެވެ. ޑަބްލިއުއެޗްއޯއިން ވެސް ވަނީ މާބޮޑަށް ވަރުބަލިވުމަކީ ކޮވިޑްގެ އަލާމާތެއްކަން ޔަޤީންކޮށްދީފައެވެ. ކޮވިޑްގެ ސަބަބުން ވަރުބަލި ވާނަމަ ފިޓްކޮށް ހުންނަން މޯޓިވޭޝަން ދަށްވެ އާދަޔާ ޚިލާފަށް ހަކަތަ ދަށް ވުމުގެ ފުރުސަތު އޮވެއެވެ. އަދި ލޮޑުވާ ކަމުގެ އިހުސާސް ކުރެވޭނެއެވެ.

އެހެންނަމަވެސް ވިތަމިން ޑީ މަދު ނަމަ ކޮވިޑް ނުޖެހުނަސް މިފަަދަ ހާލަތެއް މެދުވެރިވެދާނެއެވެ. މިގޮތަށް ވަރުބަލިވާނަމަ ޑޮކްޓަރަށް ދެއްކުން ނޫނީ ޓެސްޓުކުރުން ބުއްދިވެރިއެވެ. އަދި ވަރުބަލި ވާނަމަ ނިދާ، އަރާމު ކުރާށެވެ. އެއަށް ފަހު ލުޔެއް ނުލިބޭ ނަމަ ސިއްހި ފަރާތެއްގެ އިރުޝާދު ހޯދާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެންދޯ

    މީހުން ބިރުގަންނަކަހަލަ ވާހަކަ ނުދައްކަބަލަ.