އުމުރުން 70 އަހަރުގެ ލައުންގީ ބުއިޔާ އަކީ ގިނަ ބަޔަކު އެއީ މޮޔައެއް ކަމަށް ދެކޭ މީހެކެވެ. އޭނާ މޮޔައެއް ކަމަށް ގިނަ ބަޔަކު ދެކެނޭ ހަނަފަސް އަވަށަކަށް ފެން ފޯރު ކޮށްދޭނެ ކަމަށް ބުނާތީއެވެ. އޭނާ އަކީ މޮޔައެއް ކަމަށް ދެކޭ މީހުންގެ ތެރޭގައި އަނބިމީހާ، ރާމްރަތީ ދޭވީވެސް ހިމެނެއެވެ. އެހެން ނަމަވެސް އޭނާ ވަނީ މީހުން އޭނާއާއި މެދު ދެކޭގޮތް ބަދަލުކޮށް އޭނާ އަމާޒު ހިފާފައިވާ ކަން ހާސިލުކޮށްފައެވެ.

އަވަށުގެ އެންމެންނަށް ފެން ފޯރުކޮށްދޭނެކަމަށް ބުއިޔާ ބުނަމުން ދިޔަ ނަމަވެސް އޭނާ ދިރިއުޅޭ އިންޑިޔާގެ ބިހާރު ސްޓޭޓުގެ ފަގީރު އަވަށެއްކަމަށްވާ ކޮތިލްވާގެ ރައްޔިތުން އޭނާއަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އަމާޒާއި ހަމައަށް ވާސިލުވުމަށް ބުއިޔާ މަސައްކަތް ކުރަމުން ދިޔައިރު، އޭނާގެ އަންހެނުން ދިޔައީ އެކަމުން އޭނާ ދުރު ކުރުމަށް އެކި ކަހަލަ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަން ހުއްޓުވައި އާއިލާއަށް ނަޒަރު ހިންގުމަށް އޭނާއަށް ވަނީ ކާތަކެތި ދިނުމަށްވެސް އިންކާރުކޮށްފައެވެ. އެހެން ނަމަވެސް އޭނާ އެކަމެއް ނުހުއްޓައެވެ.

"އަޅުގަނޑު އަބަދުވެސް އޭނާ ދެކެ ރުޅި އަންނަނީ އާއިލާއަށް ބެލުމެއް ނެތި، ދަރިންނަށް ބެލެއް ނެތި އެކަން ކުރާތީ. ދުވަހަކުވެސް ހިތް ހަމަ ޖެހޭ ވަރަށް ފައިސާއެއް ނުހުރޭ. ދުވަހަކުވެސް ހަމައަށް ކެވޭވަރަށް ކާ އެއްޗެހި ނުހުރޭ" ބުއިޔާގެ އަންހެނުން ބުންޏެވެ.

ގާތްގަނޑަކަށް 750 މީހުން ދިރިއުޅޭ އެ އަވަށުގެ މީހުން ދިރިއުޅެނީ ޖިފުޓިތަކުގައެވެ. އެމީހުންނަކީ އެންމެ ފަޤީރު ޢާއިލާތަކަށް ނިސްބަތްވާ 'އެންމެ ދަށް ފެންވަރު'ގެ މީހުން ގޮތުގައި އެހެން ދަރަޖަތަކުގެ މީހުން ދެކޭ ބައެކެވެ. ކޮތިލްވައަށް ދާން އޮންނަ ހަމައެކަނި މަގަކީ ހައިވޭއަކުން ފައިބައިގެން ދާއިރު އޮންނަ ޗަކަ މަގެކެވެ.

އެ އަވަށަށް ބަލާއިރު، އެއީ ފެން އެހާ ހިނގާ އަވަށެއް ނޫނެވެ. ހެއްދެނީވެސް މަދުން ފެން ބޭނުންވާ ވައްތަރުގެ ގޮވާމާއި ތަކެއްޗެވެ. އެހެން ކަމުން އޭނާގެ އަމާޒަކަށްވީ އެ އަވަށަށް ފެން ފޯރު ކޮށްދިނުމެވެ.

އެގޮތުން އޭނާ ވަނީ ވަށް ކައިރީގައި އޮންނަ ބަންގެތާ އުސްބިމުން މަގެއް ކޮނުމުގެ މަސައްކަތް ފަށާފައެވެ. އެމަގުގައި އޮންނަ އުސްބިންތަކުގައި ހުރި ކޯރުތަކުގައި ދައުރުވަމުންދާ ސާފު ފެން ކަމަށް އޭނާ ބުންޏެވެ. އޭނާގެ އެ މަސައްކަތް ކުރަމުން އަންނަތާ 30 އަހަރު ފަހުން އެކަން ވަނީ ކާމިޔާބު ވެފައެވެ.

މަދު ވަސީލަތް ބޭނުން ކޮށްގެން ބުއިޔާ ކުރި މަސައްކަތް ވަރަށްވެސް ކާމިޔާބެވެ. އޭނާގެ ހިތްވަރުވެސް އެހާމެ ގަދައެވެ. ވެހޭ ވާރެއަށް އަރާ އައްވަކަށް ނުބަލައި އޭނާ ވަނީ އެކަން ކާމިޔާބު ކޮށްފައެވެ.

އޭނާ ކޮނެފައިވާ ކޯރުގެ ދިގުމިނުގައި 3 ކިލޯމީޓާރު ހުއްޓެވެ. މަގު ކޮނުމަށްފަހު އުސް ބިން މަތިން އަވަށާއި ހަމައަށް މަގު ކޮނުމުގައި ނާކާމިޔާބުވުމުން ބުއިޔާއަށްވަނީ މަސައްކަތް މެދުކަނޑާލުމަށް މަޖުބޫރުވެފައެވެ. އަވަށާއި ހަމައަށް މަގު ދިގުކުރުމަށް އޭރު ބާކީ އޮތީ އެންމެ ކިލޯމީޓަރެކެވެ.

ބާކި ހުރި ކިލޯ މީޓަރާއި ހަވާލުވީ، އެގައުމުގެ ފެނާއިބެހޭ މިނިސްޓްރީ އިންނެވެ. އެ މިނިސްޓްރީން އެކަން ކާމިޔާބު ކުރުމުން ބުއިޔާގެ ހުވަފެން ހަގީގަތަކަށްވިއެވެ. އަދި ގިނަ ބަޔަކު ވަނީ އެކަމަށް އޭނާއަށް ޝުކުރު އަދާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު