ޕިލިޕީންސްގެ އެއާޕޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ބޫޓެއްގެ ތެރެއިން 119 ޓެރެންޓުލާ މަކުނު ފެނިއްޖެއެވެ. މިއީ ފައިދިގު މަކުނުގެ ވައްތަރު ތަކުގެ ތެރެއިން ކެހެރި ގިނަ ބާވަތުގެ މަކުނެވެ.

ނިނޯއީ އަކީނޯ އިންޓަނޭޝަނަލް އެއާޕޯޓްގެ ބިއުރޯ އޮފް ކަސްޓަމްސްގެ މުވައްޒަފުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ ޕޮލެންޑުގެ މައިކަލް ކްރޮލިކީ ނަމަކަށް ކިޔާ މީހެއްގެ ޕާރުސަލެއްގެ ތެރެއިން ފައިދިގު މަކުނު ފެނިފައިވާ ކަމަށެވެ.

އޮކްޓޫބަރ 28 ވަނަ ދުވަހު މި ޕާރުސަލުން އާދަޔާ ޚިލާ ފުކަމެއް ފާހަގަ ކުރެވިގެން ކަސްޓަމް އޮފިޝަލުން ބަލައި ޗެކް ކުރުމުން ފެނުނީ އެސިކްސް ދުވާ ބޫޓެއްގެ ތެރެއަށް ކުދި ފުޅިތަކަކަށް އަޅާފައިވާ މަކުނުތަކެކެވެ.

މި ބޫޓު ތެރޭގައި ޓެރެންޓުލާ މަކުނުގެ ގިނަ ބާވަތްތަކެއް ކުދި ފުޅިތަކަކަށް އަޅާފައިވާ ކަމަށް ވެސް ފޭސްބުކުގެ މި ޕޯސްޓުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ކަސްޓަމުން ބުނެފައިވަނީ އޮކްޓޫބަރ 29 ވަނަ ދުވަހު މި ޓެރެންޓުލާ މަކުނުތައް ނައްތާލެވެންދެން ބެލެހެއްޓުމަށް ވަނީ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް އެންޑް ނެޗުރަލް ރިސޯސަސް ވައިލްޑް ލައިފް ޓްރެފިކް މޮނިޓަރިން ޔުނިޓާއި ހަވާލު ކުރެވިފައެވެ.

މި ޕާަރުސަލް ލިބޭ ފަރާތަކީ ކޮބައިކަން އަދިވެސް ނޭނގޭ ކަމަށާއި އެ ފަރާތެއް ހޯދުމަށް ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

ޓެރެންޓުލާ މަކުނަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި އޮޅުކޮށްގެން ގެންގުޅޭ އެއްޗެކެވެ. ނަމަވެސް ޕިލިޕީންސްގައި ޓެރެންޓުލާ މަކުނު ފާަހަގަ ކޮށްފައިވަނީ ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތް އެއްޗެއްގެ ގޮތުގައި އާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުން މަނާ އެއްޗެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު