ޒަމާނުއްސުރެ ހޮޅުައަށްޓަކީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް އޮންނަނީ ވެފައެވެ. ދޭދޭ މީހުންގެ މެދުގައި ހިނގާ ކަންކަމާއި، ރަށު ތެރޭގައި ތުންތުންމަތިން ދެކެވޭ ވާހަތަކާއި، އޭރެއްގައި ވައިގައި ހިފާފައި އޮންނަ ދޭސީ އަދި ބިދޭސީ ވާހަކަތަށް ވެސް އިންސާފުކޮށްލާ ތަނަކަށް ހޮޅުއަށި އޮންނަނީ ވެެފައެވެ. ނުވިތާކަށް ދުވަހުގެ އަވަދިނެތި ދިރިއުޅުމުން ދުރަށް ޖެހިލާ، ފިނިކޮށްލުމަށާއި، ހަށްޓަށް ލުޔެއް ހޯދާލުމަށް ދާން، ހޮޅިއަށިވަރު ތަނެއް އިހު ދިވެހިންނަކަށް ނޯވެއެވެ. އަދި ހޮޅުއަށްޓަށް ގޮސް ދުފާ އަނގަރަތްކޮށް، އެކުވެރިންނާއި ސަކަ އަނގައެއް ތަޅާ ނުލާ ދުވަސް ފުރިހަމައެއް ނުވެއެވެ.

އެކަމަކު މީސްމީޑިއާ އާއި އެކު ދިވެހިންގެ ދިރިއުޅުމުގައި ޒަމާނީ ކުލަ ޖެހި ހޮޅުއަށްޓަކީ މިއަދު ދިވެހިންނަށް ބީރަށްޓެހި އެއްޗަކަށް ވެއްޖެއެވެ. އަދިވެސް ރަށްރަށުގެ އަތިރިމަތީގައި ހޮޅުއަށިތައް ހުރި ނަމަވެސް އިހު ޒަމާނުގައި ފެނުނު ފޯރިއެއް، އެ ހޮޅުއޮށިތަކަކުން މިހާރަކު ނުފެނެއެވެ. ކުރިން ހޮޅުއަށީގައި އެ ކުރާ ސައްލާތައް މިހާރު ފެންނަނީ މީސްމީޑިއާއިންނެވެ.

ޒަމާނީ ކުލަވަރާއި އެކު ވަޅު ޖެހުނު ހޮޅުއަށީގެ ރަހަތަށް އަލުން، ދިވެހިންނާއި ހަމައަށް ގެނެސްދިނީ ދިވެހި މީޑިއާގައ ޒަމާންވީ ދެ އާރުކާޓީއިން ކަމަށްވާ އަހުމަދު ޝިޔާމާއި މުހައްމަދު ޒަހީންއެވެ. ދެ އެކުވެރިންގެ މެދުގައި މިދިޔަ ރޯދަ މަހު ފެށުނު ސައްލާތަކުގައި ހަގީގީ ކުލަ ޖެހި މިހާރު "ހޮޅުއަށި" މިނަމުގައި ލަވަފޮށިން ގެނެސްދޭ ޕޮޑްކާސްޓަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ޝައުގުވެރިކަން އަތުލާފައިވާ ޕްރޮގްރާމެކެވެ.

ސިލްސިލާ ޕްރޮގްރާމްތަކެއް ގޮތަށް ހަފްތާއަކު އެއް ފަހަރު ގެނެސްދޭ މި ޕްރޮގްރާމް އަޑު އަހާލަން އިންނަ އިރު އިހުސާސް ކުރެވެނީ އެ ދެމީހުންނާއި އެކު 3 ވަނަ މީހަކަށް، ހޮޅުއަށީގައި އެހުންތެރިޔާ އިންނަ ފަދަ އިހުސަސްތަކެކެވެ. 15 ވަރަަކަށް މިނިޓްގެ އެޕިިސޯޑްތަކަކަށް ބަހާލަފައިވާ މި ޕްރޮގްރާމްގައި ދެކެވޭ ވާހަތަކަކީ މުޖުތަމައުގައި ހިނގާ އެކި ކަންކަން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ "މަސްހުނި ރުނބަ"އެެކެވެ.

އިޖުތިމާޢީ، ސިޔާސީ އަދި މި ނޫނަސް މުޖުތަމައުގައި ދެކެވޭ ތަފާތު އެތައް ވާހަކަތަކެއް އިވިގެންދާ މި ޕްރޮގްރާމް އެންމެ ތަފާތުވާ ކަމަކީ ޕްރޮގްރާމްގައި ހިމެނޭ ސަމާސާ ރާގާއި، މަޖާޒީ ބަސްމަގެވެ. އަދި ޕްރޮގްރާމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެއްވެސް މީހެއްގެ ޒާތާއި ކަރާމާތަށް އުނިކަމެއް ނުގެނެސް އަދަބުވެރިކަމާއި އެކު، ޕްރޮގްރަމްގެ މައުޟޫތަކަށް އިންސާފު ކުރެވިފައިވާތީއެވެ.

ޝިޔާމް "ވަގުތަށް" ވިދަޅުވީ މި ޕްރޮގްރާމްގެ މަސައްކަތް ފެށީ ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތް ވަގުތު ކަމަށެވެ.

"އަޅުގަނޑު ލިޔުންތެރިންގެ ގުޅުމުގައި ލިޔަމުން އައީ ހާސަރު ކިޔާއެއްޗެއް. ދެން ހިތަށް އެރި ބަދަލުކޮށްލަން ވެއްޖެއޭ ޕޮޑްކާސްޓެއް ގޮތަށް. ފުރަތަމަ ޕްރެޒެންްޓް ކުރީ ޑައިލޮގް ލިޔެގެން. ރިކޯޑް ކުރަނީ ބުރާސްފަތީގައި. ވީކެންޑްގައި އަޕްލޯޑްކުރަނީ. މީގައި ދައްކާނީ މުޖުތަމައުގައި ހިނގާ ކަންކަމުގެ ވާހަކަ. އެއްވެސް މީހަކަށް އަމާޒުނުވާގޮތަށް. މިސާލަަކަށް ފެނުމަތީގައި ދިރިއުޅުން. ހުސްބުޅީގައި ގަތުން، މާސްކް އެޅުން." އޭނާ ކިޔާދިނެވެ.

މި ޕްރޮގްރާމާއި މެދު ޒަހީން "ވަގުތަށް" ވިދާޅުވި ގޮތުގައި މިފަދަ ޕޮޑްކާސްޓެއް ކުރިއަށް ގެންދިއުމަކީ ވަރަށް ކުރީއްސުރެން ގެންގުޅުއްވި ތަސައްވުރެކެވެ. އެ ޕްރޮގްރާމް ފެށުމުން އާއްމުންގެ ފަރާތްތަކުން ލިބުނު ތަރުޚީބު ރަނގަޅުކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ހޮޅުއަށި ޕްރޮގްރާމް އިތުރަށް ކުރިއަށް ގެންދަވަން ވަނީ ނިންމަވާފައި ކަމަށެވެ.

ވަރަށް ރަނގަޅު ކޮމެންޓްސް ލިބޭ. ރައްޓެހިން ވެސް ބުނޭ މިވެނި ކަމެއް އެވެނި ކަމެއްގެ ވާހަކަ ދައްކާލަ ބަލާށޭ. މި ޕްރޮގްރާމް ވެސް ބްރޭކެއް ނަގާފައި އިތުރު ސީޒަނެއް ކުރިއަށް ގެންދަން ވިސްނަނީ. ނިންމާލާކަށް ވިސްނުމެއް ނެތް. ދެން ކުރިން މިފަދަ ޕްރޮގްރާމެއް ނެތީމަ ވެސް މި ކަހަލަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ބޭނުންވީ. ހޮޅުއަށީގެ އިތުރުން އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ވިސްނުންވެސް އެބަ ހުރި. ފުރަތަަމަ ދެތާ ތިބެގެން ރެކޯޑް ކުރަން ވެސް އުޅުނީ މި ޕްރޮގްރާމް، އޭރު ފުރަބަންދު ވީމަ. އެކަމަކު މިކަން ފެށުނު އިރު އޮތީ ދެން ހުޅުވާލާފައި." އޭނާ ވިދާޅުވިއެވެ.

ޝިޔާމް އަކީ 29 އަހަރު ދުވަހު މެދު ނުކެނޑި ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުޅަދާނަ ލިޔުންތެރިއެކެވެ. ހަވީރު ނޫސްފަދަ ނޫސްތަކުގައި މަސައްކަތް ކުރެއްވި ޝިޔާމް އަކީ މިހާރު ވެސް ތަފާތު މައުޟޫތަކަށް އެކި ވެބްސައިޓްތަކުގައި ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން ޒަހީނަކީ 30 އަހަރު ދުވަހު ދިވެހިރާއްޖޭ އަޑުގައި ޚިދުމަތްކުރެއްވި ލާމަސީލު ބްރޯޑްކަސްޓަރެކެވެ. އަދި މިހާރު އޭނާއަކީ ވީޓީވީގެ އެކްޓިން ސީއޯއޯއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ހަމަ ހަބޭސް. ވ.ސަޅިއިނގޭ.
    ޒަނީންގެ އަޑަކީ ވ. ހިތްދަމައިގަންނަ އަސަރުގަދަ އެކުލެވޭ އަޑެއް. އަޑު. ވޒުވާން.

    6
    1
  2. ޙުޝާމް

    ޥަރަށް ފައްކާ މީތި. ފޫހިފިލުވާލަން އަޑުއަހާލަން ވަރަށް ރަނގަޅު.

  3. މޯޑް

    ވަރަށް ރަނގަޅު ވަރަށް ރީތި ވަރަށް މަޖާ.. ދެރައީ ޔޫޓިއުބް ގަ އަޑުއަހާލެވެން އަދި ނެތީމަ.

  4. އަޒޫ

    މިހާރަށްވުރެ ޑިއުރޭޝަން އިތުރުުކޮށްލަންފެނޭ.. މިއީ ހަމަ ޚިޔާލެއް. ތިމަސައްކަތް ވަރަށް ފުރިހަމަ.

  5. ނީޝް

    މަޖާ ވަރަށް ތަންކޮޅެއް ފަސޭހައިން އަޑުއަހާލެވޭނެ ގޮތެެއް ހައްދަވާދެއްވާ. ސީރީޒް އެއްކޮށް އަޑުއެހޭނެތަ.

  6. ދިދަ ދަނޑި

    ބޮޑު ފޫއްސެއް..