ކޮވިޑް-19 ޕެންޑެމިކް ވެފައި ވަނީ އެތައް ބައެއްގެ އަތްމަތި ދަތިވެފައިވާ ކަމަށެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމުތައް ބޮޑު އަނދަވަޅަކަށް ވެެއްޓިއްޖެ އެވެ. މި ހާލަތާއެކު ސްކޫލްތަކާއި ކޮލެޖްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެންމެންނަށް ދަތިކަމަކަށް ވީ ކޮލެޖްތަކާއި ސްކޫލްތައް ހިންގާނެ ފައިސާ ނުލިބުމެވެ. އަދި މިތަންތަނަށް ދައްކާނެ ފައިސާވެސް ނުލިބުމެވެ. މިކަމަށް ހައްލެއް ގެނެސްފައި މި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައިވާ ގައުމެއް ކަމަށް އިންޑޮނޭޝިއާގެ، ބާލީގެ ހޮސްޕިޓަލިޓީ ކޮލެޖަކުންނެވެ.

ދަ ބާލީ ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބާލީގެ ވީނަސް ވަން ޓުއަރިޒަމް އަކަޑަމީން، މި ވަނީ އެ ކޮލެޖްގައި ކިޔަވާ ކުދިންގެ އަތުން ފައިސާގެ ބަދަލުގައި ކާށީ އަތުލުމަށް ނިންމާފައެވެ.

މިއީ ކޮވިޑް-19 އާ ހެދި އަތްމަތި ދަތިވެފައިވާ ފަރާތްތަކުގެ، ދަރިންތައް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރި ވަރަށް މުހިންމު ކަމެއް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އަދި ކާއްޓަކީ ވާރޖިން ކޮކޮނަޓް އޮއިލް އުފެއްްދުމަށް ބޭނުން ކުރާ އެއްޗަކަށް ވާއިރު، އޭގެން ފައިސާ ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އެ އެކަޑަމީގެ ޑައިރެކްޓަރ ވޭން ބުނެފައި ވަނީ، ކޮވިޑް-19 އާ ހެދި ގަވާއިދުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި އެތަނުން ވާޖިން ކޮކޮނަޓް އޮއިލް އުފައްދާ ކަމަށާއި، އެހެންކަމުން ދަރިވަރުންނަށް ޓިއުޝަން ފީގެ ގޮތުގައި ކޮލެޖަށް ކާށި ގެނެވޭ ކަމަށެވެ.

އަދި މީގެ އިތުރުން، އެ ސްކޫލުން ދަނީ މުރަނގަ ފަޔްވެސް ޓިއުޝަން ފީގެ ގޮތުގައި ބަލައިގަންނަން ނިންމާފައެވެ. އެއީ ބޭސްވެރިކަމަށް ބޭނުން ކުރާ ފަތްޕިލާވެލީގެ ބަވަތެއްގެ އިތުރުން ކެއުމަށް ބޭނުން ކުރާ ފަތެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ފަތާއި ކާށި ތެޔޮ އެއްކޮށްލުމަށްފަހު ބޭސްވެރިކަމުގެ ސައިބޯނިވެސް އުފެއްދޭނެކަމަށެވެ. އަދި އެކަޑަމީއަށް ފައިސާ ހޯދަން އެތަކެތި ވިއްކަމުން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ރާއްޖޭގަ އޮއްނާނީ ފަތުރުވެރިކަން އެކަނި ، ދެން ސަރުކާރުގެ ބޭފުޅުން ބަލާނީ ކޮއްމެ ހާލެއްގަވެސް ވައްކަމެއްކޮއް އޮޅުވާލުމެއް އޮޅުވައިލައިގެން ލާރި ކޮޅެއް ބަނޑައް ލެވޭތޯ.

    15