އޮސްޓްރޭލިޔާގެ ގެއެއްގައި ގެންގުޅޭ ގުރައެއް އަނދައަނދައި ހުރި އަލިފާންގަނޑަކުން އެ ގުރާ ގެންގުޅޭ މީހާ ސަލާމަތް ކޮށްފި އެވެ. އެންޓަން ނުއެން ނަމަކަށް ކިޔާ މީހާގެ ގޭގައި އަލިފާންގަނޑު ރޯވެފައި ހުރި ވަގުތު އޭނާ އޮތީ ގަދައަށް ނިދަން ކަމަށް އޭނާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާއިރު އޭނާ ބުނީ އަލިފާންގަނޑު ރޯވަމުން ގަދައަށް ދިއުމުން އޭނާ ގެންގުޅޭ ގުރާ އަޑުގަދަކުރަން ފެށި ކަމަށެވެ.

ނުއެން ބުނީ ގޭގައި އަލިފާން ރޯވިއިރު ގޭގައި ހަރުކޮށްފައި ހުރި ފަޔާ އެލާމަށްވުރެ ކުރިން ގޭގައި ގެންގުޅޭ ގުރާ އަޑުގަދަކޮށް ހަޅޭއް ލެވި ކަމަށެވެ. އަދި އޭނާ ނިދާފައި އޮއްވާ ހޭލެވުނީ ގުރާ އަޑުގަދަ ކުރާ އަޑަށް ކަމަށާއި، ގުރާ އަޑުގަދަކުރި އަޑަށް ހޭލައިގެން އަނދައަނދައި ހުރި އަލިފާންގަނޑުން ސަލާމަތް ވާން ދުއްވައިގަތް ކަމަށް އޭނާ ބުނެފައި ވެއެވެ.

އޮސްޓްރޭލިޔާގެ ކުއީންސް ލެންޑްގައި ހިންގި މި ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ އަލިފާން ނިއްވާ ފަރާތްތަކުން ބުނީ ގޭގައި އަލިފާން ރޯވަމުން ދިޔަ ވަގުތު ގޭގައި ގެންގުޅޭ ގުރާ ގޭގެ ވެރިފަރާތަށް ތަކުރާރުކޮށް ގޮވަމުން ދިޔަކަމަށެވެ.

އަލިފާންގަނޑުން ގުރާ އާއި ގޭގެ ވެރިފަރާތް ސަލާމަތް ވެފައިވާއިރު އަލިފާންގަނޑު ރޯވި ސަބަބެއް އަދި ހޯދިފައެއް ނުވެ އެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް މިހާރު ކަމާބެގޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ގުރައެއްގެ އެހީގައި އަލިފާންގަނޑަކުން މީހަކު ސަލާމަތް ވެފައިވާއިރު މިއީ މިފަދަ ގޮތަކަށް މީހަކު ނުރައްކަލަކުން ސަލާމަތްވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދި އަހަރުގައި 11 އަހަރުގެ ކުއްތާއެއް ވަނީ އޭތި އުޅޭ ގޭގެ މީހުން ނުރައްކަލަކުން ސަލާމަތް ކޮށްފަ އެވެ. އެފަހަރު ކުއްތާ އުޅޭ ގޭގެ ބޭސްމެންޓުން ގޭސް ލީކުވުމުން ކުއްތާއަށް އެކަން ދެނެގަނެވުމާއި އެކު ގޭގެ މީހުންނަށް އެކަން އަންގާފައި ވެއެވެ. ކުއްތާގެ ނޭފަތަށް ކިތަންމެ ކުޑަކޮށް ވަސްދުވި ކަމުގައި ވިޔަސް އެ އެއްޗެއް ދެނެގަނެވޭނެ އެވެ. އަދި ބައެއް ކުއްތާ ތަކަކީ ނުރައްކަލުގެ ހާލަތް ތަކަށް ތަމްރީން ކޮށްފައިވާ ޖަނަވާރު ތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މައުއްބެ

    ތީ ވަރަށް އާ ކަމެއްދޯ