ޗައިނާގައި ނޭފަތުގެ ސާޖަރީއެއް ހެދި އުމުރުން 31 އަހަރުގެ އަންހެނެއްގެ ކަންފަތުން ބައެއް އުނިކޮށްފައިވާ ކަމަށް ޓީއެންއެން ރިޕޯޓްތައް ބުނެފިއެވެ.

ޒާއޯ ނަމަކަށް ކިޔާ މި އަންހެން މީހާ ނޭފަތުގެ ސާޖަރީއެއް ހަދާފައިވަނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ޗައިނާގެ ޗެންޑޫގައި ހުންނަ އޭންޖަލް ވިންގު ހޮސްޕިޓަލުންނެވެ. ޒާއޯ ވަނީ މީގެ ފަސް އަހަރު ކުރިން ވެސް ނޭފަތުގެ ސާޖަރީއެއް ހެދިއެވެ. އަނެއްކާ ވެސް ނޭފަތުގެ ސާޖަރީއެއް ހަދަން ބޭނުންވެގެން މި އަހަރު އެ ސާޖަރީ ހެދީ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި ސާޖަރީއަށްފަހު ޒާއޯއަށް އެއްވެސް ކަމެއް ފާހަގަވެފައިނުވާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އޭގެ ހަތަރު ދުވަސް ފަހުން ޒާއޯގެ ކަންފަތުގެ ބައެއް ގެއްލިފައިވާ ކަމުގެ އިހުސާސް ކުރެވުމުން ޑޮކްޓަރަށް ދައްކާ ބެލުމުން އެނގުނީ ކަންފަތުގެ ބައެއް ކަމަށްވާ ޓްރެގަސް ނެތް ކަމެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ޒާއޯ ބުނެފައިވަނީ އޭނާގެ ކަންފަތުގެ ބައެއް ނަގާފައި ވަނީ އޭނާގެ ހުއްދަ ނެތި ކަމަށާއި އެ ބައި ނެގި ކަމެއް ނޭނގޭ ކަމަށެވެ. ކަންފަތުގެ އެއް ބައި ނެތުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ކަސްޓަމާ ސަރވިސްއަށް ގުޅައި އެކަން އެންގި ކަމަށާއި ކަންފަތުގެ ފޮޓޯ ވެސް ފޮނުވިކަމަށް ޒާއޯ ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އޭންޖަލް ވިންގު ހޮސްޕިޓަލުން ބުނެފައިވަނީ ކަންފަތުން ނަގާފައިވާ ބޭނުން ކޮށްފައިވަނީ ރައިނޯޕްލާސްޓީ ހެދުމަށް ކަމަށެވެ. އަދި މި ބައި ނެގުމަކީ ކުރުމަކީ މި ކަހަލަ ސާޖަރީތަކުގައި އާއްމު ކަމެއް ކަމަށެވެ.

ހޮސްޕިޓަލުގެ ވައިސް ޕްރެޒިޑެންޓް ބުނެފައި ވަނީ ޒާއޯ ވަނީ އެކަމަށް އެއްބަސްވެ އިޢުތިރާޒެއް ނެތް ކަމުގެ ފޯމުގައި ސޮއި ވެސް ކޮށްފައި ކަމަށެވެ. އަދި ޒާއޯއަށް ރަނގަޅަށް އިވޭނެ ކަމަށާއި ނަމަވެސް ހެޑްފޯން ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓްތަކުން ބުނެފައިވަނީ މި ސާޖަރީއަށް ޚަރަދުވި ފައިސާ ޒާއޯ އަނބުރާ ހޯދަން ބޭނުންވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    އެއްޗެއް ދޭއިރަށް ސޮއިކޮއްލާތި ކިޔާވެސް ނުލާ.

    31
  2. 😰

    ޔާﷲ