ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ވާހަކަދައްކާ ދައްކާ ފޫހިނުވާނެއެވެ. އެ ގުދުރަތީ ރީތިކަމާއެކު، ބައެއް ރަށްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އެ ރަށްތަކުގައި އުޅޭ މީހުންގެ ހުނަރުވެރިކަމުންކަން ޔަގީނެވެ. މިގޮތުން ބައެއް ރަށްތަކުގައި މޫދާއި، ގޮނޑުދޮށަކީ އެރަށްތަކުގެ ރައްޔިތުންގެ ފަހުރެއް ކަމަށްވާއިރު، ބައެއް ރަށްތަކުގެ މީހުން އެތަން ހިމާޔަތްކޮށް، ވަރަށް ރަނގަޅަަށް ބަލަހައްޓަމުން ދެއެވެ. މިއީ އުފާކުރަން ޖެހޭ ކަމަކެވެ.

އެރަށެއްގެ ގޮނޑުދޮށުގެ ރީތިކަން ދެމެހެއްޓޭނީ ހަމަ އެރަށެއްގެ ރައްޔިތުންނަށް ކަމަށްވާއިރު، އެރަށުގެ ރީތިކަމާއި ގުޅިފައި ވަނީވެސް އެރަށުގެ ރައްޔިތުންނެވެ. އެހެންކަމުން ރަށަށް އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކުން ކޮށްދެމުންދާ ކަންކަން ބަލައިގަނެ އެފަދަ ކަންކަން ކުރިއެރުވޭތޯ ބަލަން ވާނެއެވެ.

މިގޮތަށް މެދު ރާއްޖެ ތެރޭގެ އަތޮޅުގެ ރަށެއް ކަމަށްވާ ބ. އޭދަފުށީގައި އެރަށު ޖަމިއްޔާއެއް ކަމަށްވާ ވެލާ ސްޕޯޓްސް ކްލަބުން އެރަށުގެ މޫދުގައި އިޔާދަކުރަނިވި ހަކަތައިން ދިއްލޭގޮތަށް ހެދި މޫދު އުނދޯއްޔަކަށް ގިނަބައެއްގެ ސަމާލުކަން މި ވަނީ ލިބިގެން ގޮސްފައެވެ.

އޭދަފުށީގައި ހެދި އުނދޯލި، ވަރަށް ޗާލު

އެ އުނދޯލި ހެދުމުގައި އިސްކޮށް ހުރި ފަރާތަކުން "ވަގުތު"އަށް ބުނީ، އެ އުނދޯލި ރައްޔިތުންނަށް ހުޅުވާލީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގަައި ކަމަށެވެ.

އޭނާ ބުނީ، އެ އުނދޯލި ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އޭދަފުށީގައި މޫދަށް އެރޭ ސަރަހައްދުގައި ހަދާފައިވާ ހިތްގައިމު އެެ އުނދޯލި ވެގެން ދާނީ އެރަށަށް އަރާ އެހެން ރަށްތަކުގެ މީހުންވެސް މީސް މީޑިއާއަށް ފޮޓޯ ދޫކޮށްލާނެ ވަރުގެ ތަނަކަށެވެ. އެހާވެސް އެތަނުގެ މަސައްކަތް ފުރިހަމަ އެވެ.

އޭދަފުށީގައި ހެދި އުނދޯލި

އެ އުނދޯއްޔަށް ބަލާއިރު، ވަރަށް ފުރިހަމަ ކަމަށް ފެނެއެވެ. މޫދަށް ޖަހާފައިވާ ދެ ތަނބު މަތީގައި ބަހައްޓައި، އުނދޯލި ބެރިއެއްގައި އެލުވާލާފައިވާއިރު، އެ ބެރި މަތީގައި "އޭދަފުށި" މިހެން ޖަހާފައި ވެއެވެ. އަދި އެ ނަމުގެ ދެ ފަރަތަށް ދެ ވެލާ ލާފައި ވެއެވެ. އެހެންކަމުން މިއީ މޫދާއި ވަރަށް ރައްޓެހި ގޮތަށް ހިޔާލަށް ގެނެސްގެން ހަދާފައިވާ އުނދޯއްޔެއް ކަމަށް ބެލެއެވެ.

އެ އުނދޯލީގެ އެންމެ ހާއްސަ، އެންމެ ތަފާތު ކަމަކީ "އޭދަފުށި" މިހެން ޖަހާފައިވާ އަކުރުތައް ރޭގަނޑުގަޑީގައި ދިއްލުމެވެ. މި އަކުރުތައް ދިއްލޭނީ އިއާދަކުރުވަނިވި ހަކަތައިގެ އެހީގައެވެ. އެެހެންކަމުން މިއީ އަދި ވަރަށް އާ ތަފާތު ކަމެއް ތާއެވެ.

މީގެ އިތުުރުން އޭދަފުށީ މޫދަށް އެރޭ ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

"އަޅުގަނޑުމެން އެތަނުގައި އިށީންނާނެ ބެންޗުތަކެއް ހެދުމުގެ މަސައްކަތްތައް މިދަނީ ކުރަމުން، އެވެސް ދިގު މުއްދަތަަކަށް ހުންނާނެ ގޮތަަކަށް ވޯޓާ ޕްރޫފް ކުރެވިގެން، ހަޓް ޖަހައިގެން އެ މަސައްކަތް މި ކުރަނީ". އެ ޖަމިއްޔާގެ މެންބަރަކު ބުންޏެވެ.

އޭނާ ބުނީ، އެ ސަރަހައްދުގެ ސާފްތާހިރުކަން ބެލެެހެއްޓުމަށް ޑަސްޓްބިން އެއްޗެހި އެތަނުގައި އިތުރު ކުރުުމަށް ކައުންސިލާއި ވާހަކަަދައްކާފައިވާނެ ކަމަށެވެ.

"އެންމެން މި ތިބެނީ ރަށުގައި ތާށިވެފައި، މި ތިބޭއިރު އަޅުގަނޑުމެން އެބަ ޖެހޭ ނަފްސާނީ ޖިސްމާނީ ދުޅަހެޔޮ ކަމަށް ވިސްނަން، އާއްމުން މޫދަށް އެރި އާއްމުން ސިއްހަތު ރަނގަޅު ކުރަން އަޅުގަނޑުމެން އާއްމުންނަށް ބާރު އެޅުމުގެ ގޮތުން ކުރި ވަރަށް ބޮޑު ކަމެއް މިއީ"

އޭނާ ބުނީ، އެ އުނދޯލި ހެދުމުގެ މަސައްކަތަށް 15،000 ރުފިޔާ ހަރަދުވެފައިވާނެ ކަަމަށެވެ. އެގޮތުން އެ ކަމަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އާއްމު ރައްޔިތުންނާއި ވިޔަފާރިތަކުން ކަމަށް އޭނާ ބުންޏެވެ.

އެތަން ހުޅުވާލުމުގެ ކުރިން ބޭއްވި ހަރަކާތުގައި ލައިވް މިއުޒިކާއި، މޫދު ކުޅިވަރުގެ ހަރަކާތްތައް ބޭއްވިއެވެ. އަދި އިއްޔެ މި ވަނީ އެތަން އާއްމުންނަށް ރަސްމީކޮށް ހުޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ރޭގަނޑު ގަޑީގައި ތި އުނދޯލި ހައްލަން މީހަކު އިން ތަން ފެނިއްޔާ ބުނާނީ ކީކޭބާ؟

    6
    3
  2. މުނިޔާ

    މަތީ ދެކަނުގަ އޭނަ ދެ ވެލާ އެއްގޮތަކަށްވެސް އޭދަ ފުށްޓަކާ ނުގުޅޭ، ގުޅުވި ގޮތެއްވެސް ނޭނގެ، ދެކަނުގަ ދެ ބަތްޕެން ތެލި ބޭންދިނަމަ މާގުޅޭނެ، ދަނގެތި އަދި ތޮއްޑޫ މީހުންވެސް އެމީހުންގެ ސަގާ ފަތް ދިރުވާ، އެކަމު ތަހުޒީބުކަމަށް ދައުވާކުރާ މީހުންނަށް އެވަރުވެސް ނޭނގުނު.

    7
    2
    • ކަކުނިބޯ

      ދެ ވެލާ ދެކޮޅުގަ އެއިނީ އެއީ ވެލާ ސްޕޯޓުސް ކުލަބުން ތައްޔާރުކުރި އުނދޯއްޔެއް ވީމަ...އެއާ ގުޅުވާލާފަ..ލިޔުން ރަނގަޅަށް ކިޔާލާފަ ކޮމެންޓު ކޮށްލަން ފެނޭ

      6
      4
    • ޢަލީ

      ބަތްޕެން ދިރުވުމަށްވުރެ ވެލާ ދިރުވާ އާލާކުރުން މާރަނގޅުވާނެ.

      1
      2