ކޮވިޑް-19 ބައްޔަކީ ބަލީގެ ނުރައްކާތެރިކަން ބޮޑު ބައްޔެކެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން އަވަހަށް ބަލިން ފަސޭހަވާ މީހުންނާއި ބަލިން ރަނގަޅު ވާން ގިނަ ދުވަސް ނަގާ މީހުން ތިބެ އެވެ. އިނގިރޭސިވިލާތުގެ ޓެކްސީ ދަތުރު ކުރާ މީހެއް ކަމަށްވާ އަލީ ސަކައްލިއޮގްލޫ އަކީ ކޮވިޑް-19 ޖެހިގެން ދިގު މުއްދަތަކަށް ފަރުވާ ހޯދި މީހެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ފަރުވާ ހޯދާތާ 222 ދުވަސް ފަހުން އޭނާ މިވަނީ ބަލިން ރަނގަޅު ވުމާއި އެކު ގެއަށް ދޫކޮށްލާފަ އެވެ. އޭނާ ބެލެވިފައި ވަނީ އެޤައުމުން އެންމެ ގިނަ ދުވަސް ވަންދެން ކޮވިޑް-19 އަށް ފަރުވާ ހޯދި މީހާގެ ގޮތުގައި އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ނުރައްކާތެރިކަން އިންތިހާ ދަރަޖައަށް ގޯސް ވެފައިވާއިރު އެޤައުމުން މިހާތަނަށް 50,928 މީހުންނަށްވުރެ ގިނަ މީހުން ބަލި ޖެހިގެން މަރުވެފައި ވެއެވެ. އުމުރުން 56 އަހަރުގެ އަލީ ކޮވިޑް-19 ފަރުވާ ހޯދަން ހޮސްޕިޓަލުގައި އޮތް މުއްދަތުގެ ތެރޭގައި އޭނާއަށް ސްޓްރޯކެއް ޖެހި، ހާޓްއެޓޭކެއް ޖެހި، ފުއްޕާމޭ ފެއިލުވުމުގެ އިތުރުން އޭނާގެ އިތުރު އެތެރެހަށީގެ ގުނަވަންތައް ފެއިލް ވިއެވެ. ބަލީގެ އަސަރު އެންމެ ފުނަށް އޭނާއަށް ކޮށްފައިވާވަރު، އެކަމުގެ ސަބަބުން އަލީ ދުނިޔޭގައި ނޯންނާނެ ކަމަށް ތިންފަހަރެއްގެ މަތީން އޭނާގެ އާއިލާ ކައިރީ ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ވަރަށް ހިތްވަރުކޮށް ކޮވިޑް-19 އާ އޭނާ ހަނގުރާމަކޮށް ބަލިން އަލީ ރަނގަޅުވެ އާއިލާގެ ކައިރިޔަަށް ދިއުމުން އެތައް ބަޔަކަށް އެކަން ވެގެންދިޔައީ ހައިރާން ކަމަކަށެވެ. އަލީ އަށް ކާފަ ކިޔާ ނުވަ ކާފަ ދަރިން ތިބިއިރު ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަލީ ބުނީ ކޮވިޑް-19އާއި ހަނގުރާމަ ކުރެވޭނެ ކަމަށެވެ. އަދި ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމައިން ކާމިޔާބު ވީގޮތަށް ކޮވިޑުން ވެސް ކާމިޔާބު ވެވޭނެ ކަމަށެވެ.

އަލީ އަށް ކޮވިޑް-19 ޖެހުނީ ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ އެޤައުމު ފުރަބަންދަށް ދިއުމުންނެވެ. ކޮވިޑް-19އާއި ގުޅިގެން މި އަހަރުގެ މާރިޗު މަހު އިނގިރޭސިވިލާތުގައި ފުރަތަމަ ފުރަބަންދު އިއުލާން ކުރިއިރު ދެވަނަ ފަހަރަށްވެސް އެޤައުމުގައި ވަނީ ފުރަބަންދެއް އިއުލާން ކޮށްފަ އެވެ.

އަލީ އަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެނގުނީ އޭނާ ގޭގައި އެކަހެރިވެ ހުއްޓާ އޭނާގެ ހާލު ސީރިއަސް ވުމުން އޭޕްރީލް ފުރަތަމަ ކޮޅުގައި ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުކުރުމުންނެވެ.

ހާލުބޮޑުވެ ނުރައްކާތެރި ހާލަތަށް ދިއުމުން އަލީ ފުރަތަމަވެސް ވެންޓިލޭޓަރަށްލާ ފަރުވާ ދެވުނު އިރު އޭގެ ފަހުން ހިތް ހުއްޓުމާއި އެކު ކިންގްސް ކޮލެޖު ހޮސްޕިޓަލަށް އޭނާ ބަދަލުކޮށް ހިތުގެ އޮޕަރޭޝަނެއް ކޮށް ކޯމާ އަކަށް އޭނާ ދިޔައެވެ. ތިންމަަސް ދުވަސް ވަންދެން ކޯމާގައި އޮތުމަށް ފަހު އަލީ ދެން ބަދަލުކުރެވުނީ ނާސިން ހޯމް އަކަށެވެ. އަދި ނާސިން ހޯމުގައި އޮވެ އޭނާ އަށް ރިހެބިލިޓޭޝަން ދެވުނެވެ. އޭނާގެ ހާލު މިހާރު ރަނގަޅުވެފައިވާއިރު ނޫހަކަށް މަޢުލޫމާތު ދެމުން އޭނާ ބުނީ އޭނާ އުންމީދު ކުރަނީ ވަރަށް އަވަހަށް އެނބުރި ވަޒީފާއަށް ނިކުމެވޭނެ ދުވަހަކަށެވެ.

ފާއިތުވި މަހު އިނގިރޭސިވިލާތުގައި 6 މަސްވަންދެން ކޮވިޑް-19 ފަރުވާހޯދި މީހަކުވެސް ވަނީ ބަލިން ރަނގަޅުވުމަށްފަހު ދޫކޮށްލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    އަލްހަމްދު ލިﷲ