ބަހާއި ބަހުރުވައަކީ މީހާއާ މެދު ވަރަށް ގިނަ ކަންކަން ބުނެދޭ އެއްޗެކެވެ. ބައެއް ސައިކޮލޮޖިސްޓުން ބުނާ ގޮތުން އެއީ މީހާގެ މިޒާޖަށް ހުޅުވާލެވޭ ކުޑަދޮރެކެވެ. އަދި ވާހަކަ ދައްކާ ގޮތުން މީހާގެ މިޒާޖާއި މީހާގެ އަމަލުތައް ހުންނާނެ ގޮތް ދެނެގަންނަން އެނގޭކަމީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

މިގޮތަށް ފާހަގަކޮށްލެވޭ ފަސް ކަމެއް މީހާ ވާހަކަ ދައްކާ ގޮތުން ބުނެދެއެވެ. ސައިކޮލޮޖިސްޓުން ބުނާ ގޮތުން މިއީ ދިރާސާތަކުން ސާބިތުވި ފަސް ކަމެވެ.

ނާސިސިސްޓުންނަކީ އަމިއްލަ ނަފްސު އިސްކުރާ ބައެކެވެ. އެ މީހުންނަކީ އަމިއްލަ ނަފްސު އާދަޔާ ޚިލާފަށް ކަމުދާ ބައެއް ވެސް މެއެވެ. އަދި އެފަދަ މީހުންނަކީ ލިބޭ ކާމިޔާބީގެ ވާހަކަ ބޮޑުކޮށްގެން ދައްކާ، އަމިއްލަ ނަފްސު އެހެން މީހުންނަށް ވުރެ މުހިންމު ކަމަށް ދެކޭ ބައެކެވެ. އެ މީހުން ދެނެގަނެވޭ ގޮތަކީ ވާހަކަ ދައްކާ އިރު "ވެދާނެ"، "ފަހަރެއްގައި"، "ހީވަނީ" ފަދަ ބަސްތައް ވަރަށް މަދުން ނޫނީ ބޭނުން ނުކުރުމެވެ. އަދި ރުޅި އައިސްފި ނަމަ ނޫނީ ހިތްހަމަ ނުޖެހިއްޖެ ނަމަ ކުޑަ ކަންކަމާއި ވެސް ހަޑި ހުތުރު ބަސް ބޭނުން ކުރުމާއި، ދަށުން އުޅޭ މީހުން ދަށްކޮށްލާ މަލާމާތް ކުރުމެވެ.

ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން "އަހަރުމެން ދެ މީހުން" އާއްމުކޮށް ބޭނުން ކުރާ މީހުންނަކީ އެ ގުޅުމުގައި ހަމަޖެހިގެން އުޅޭ މީހުންނެވެ. އޭގެ ބަދަލުގައި ނަމުން ނޫނީ އޭނަ، މީނަ ބޭނުންކޮށްގެން ދެ މީހުންގެ ވާހަކަ ދައްކާ ނަމަ އެ ދެ މީހުންގެ ގުޅުން ރަނގަޅު ނޫނީ ކަމަށް ބެލެވެއެވެ.

ދީނަށް ލޯބި ކުރާ މީހުންގެ ފަރާތުން ޕޮޒިޓިވް ވިސްނުން ފެންނަ މިންވަރު އިތުރެވެ. ދީން ގަބޫލު ނުކުރާ ނޫނީ އަގީދާ ބަލިކަށި މީހުން ނަމަ ކަންކަމާއި މެދު ޕޮޒިޓިވްކޮށް ވިސްނާ މިންވަރު ކުޑަކަން ދިރާސާތަކުން ހާމަވެއެވެ.

ކެރޭ، ކޮންމެ ބަޔަކާވެސް ގުޅޭ ބައެއް ނަމަ އެފަދަ މީހުން ވާހަކަ ދައްކާނީ ސާފުވާނެހެން ބާރަށެވެ. އަދި ވަރަށް ގިނަ ފަހަރު އެފަދަ މީހުންގެ ހުންނާނީ ވަރަށް ވަރުގަދަ އަޑެއްވެސް މެއެވެ. އަދި އެފަދަ މީހުންނަކީ ދަންނަ މީހުންނަށް ފުރިހަމަ ނަމުން ކިޔުމުގެ ބަދަލުގައި އާއްމު ނަމުން ނޫނީ ވަނަމުން ގޮވާ ބައެކެވެ.

ވާހަކަ ދައްކާ އިރު، މާގިނައިން "އަހަރެން، "އަހަންނަށް ވާ ގޮތަކީ"، "މަށަކީ ދުވަހަކުވެސް" މިފަދަ ބަސްތައް ބޭނުން ކުރާ ނަމަ އެއީ ޑިޕްރެޝަންގެ މިންވަރެއް ހުރުން، ނެގެޓިވް ޖަޒުބާތުތައް، ފާޑު ކިޔުން ބޮޑު މީހަކަށް ވެދާނެއެވެ. އެފަދަ މީހުންނަނީ އާއްމުކޮށް އެހެން މީހަކަށް ދެރަ ކަމެއް ވުމުން އެކަން އަޅާ ކިޔާ މީޙުންނެވެ. މިސާލަކަށް "އަހަރެންވެސް ބޮލުގަ ރިއްސާ، ތިހެނެއް ނޫޅެން." އެ ހިސާބުން އަނެކާއާ މެދު ހަމްދަރު ނުވާކަން އޭނާގެ ހާލަތު އެނގުމުގެ ކުރިން އެ ބަޔާން ކުރެވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު