ތޯ ގެ ނަމުން މަޝްހޫރު ހޮލީވުޑްގެ އެކްޓަރު ކްރިސް ހެމްސްވޯތުއަކީ އޭނާގެ ހަށިގަނޑުގެ ރީތިކަމަށް ގިނަ ބަޔަކު ތައުރީފު ކުރާ ތަރިއެކެވެ. އުމުރުން 37 އަހަރުގެ ތޯ އޭނާގެ އަމިއްލަ ފިޓްނެސް އެޕްލިކޭޝަނަށް ލުމަށް ނަގާފައިވާ ފޮޓޯތައް މީޑިއާގައިވެސް ދައުރުވަމުންދާ އިރު އެއް ފޮޓޯގައި ފެނިގެން ދަނީ ކަސްރަތުކުރުމަށް ބޭނުން ކުރާ ޓަޔަރެއް އުފުއްލަނިކޮށެވެ. ބޮޑު ޓަޔަރެއް ތޯ އުފުލަމުންދާ ވަގުތު ނަގާފައިވާ ފޮޓޯގައި އޭނާ ހުރީ މަތިން އެއްޗެއް ވެސް ނުލައެވެ.

ފޮޓޯ: ގޫގުލް

ކްރިސްގެ އެހެން ފޮޓޯއެއްގައި ކަސްރަތު ކުރުމަށް ދުވާ ފޮޓޯއެއް ވެސް ފެނެއެވެ. ގިނަ ހުނަރުތައް ލިބިފައިވާ ކްރިސް ދާދިފަހުން ވަނީ ބޮކްސިން ތަޅަން ދަސްކުރުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ވެސް މީޑިއާގައި ހިއްސާ ކޮށްފައެވެ.

ކަސްރަތު ކުރުމަށް ހިތްވަރުދޭ އަމިއްލަ އެޕްލިކޭޝަނެއް ކަމަށްވާ ސެންޓަ އެޕް ގައި ގޭގައި ހުރެގެން ކުރެވޭނެ ކަސްރަތުތަކާއި ސިއްހަތަށް ފައިދާ ހުރި ކާނާ ތައްޔާރުކުރާނެ ގޮތާއި މެޑިޓޭޝަންގެ އިތުރުން ނިދާނެ ވިޝުއަލައިޒޭޝަން ހިމަނާފައި ހުންނާނެއެވެ.

ކްރިސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރާ ކަންތައްތަކާއި ސުޕަހީރޯ ބައްޓަން އެއްގޮތެއްގައި ބަހައްޓަން ކުރާ މަސައްކަތް އެޕްގެ އެހީގައި ދައްކުވައިދެއެވެ. އަދި ބަރު ބޭނުންނުކޮށް އެކި ގޮތް ގޮތަށް ހަށިގަނޑު ހަރަކާތްކޮށް ކަސްރަތު ކުރުމުން ހަށިގަނޑަށް އަންނަ ބަދަލުތައްވެސް ފެންނާނެއެވެ. ފާއިތުވި އަހަރުގެ ޖޫން މަހު ކްރިސް ބުނީ ކަސްރަތު ކުރުމާއި ސިއްހަތަށް ފައިދާވާ ގޮތަށް ކެއުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.

ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކްރިސް ބުނާ ގޮތުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަކީ ނިދުމާއި، ކެއުމާއި ކަސްރަތު ކުރުމެވެ. އަދި މި ކަންކަމަށް ސަމާލުކަންދިނުމުން ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަ ކުރެއެވެ. ކްރިސް އަކީ އޮސްޓްރޭލިޔާއަށް ނިސްބަތްވާ ފިލްމީ ތަރިއެކެވެ.

ފިލްމީތަރި ކްރިސް މިހާތަނަށް ކޮށްފައި ވަނީ އެންމެ ކައިވެންޏެވެ. ކްރިސް 2010 އަހަރު ކައިވެނިކޮށްފައި ވަނީ އެލަސާ ޕަޓަކީ އާއެވެ. އެމީހުންނަށް މިހާތަނަށް ތިން ކުދިން ވަނީ ލިބިފައެވެ. ކްރިސް ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ ތޯ ގެ: ލަވް އެންޑް ތަންޑާއެވެ.

ކްރިސް 2004 ވަނަ އަހަރުން 2007 ވަނަ އަހަރަށް ހޯމް އެންޑް އަވެއި ނަމަކަށް ކިޔާ ސިލްސިލާއެއް ކުޅެފައިވާއިރު މިއީ އޭނާ ހޮލީވުޑްގެ އަށް ވަނުމުގެ ކުރީން ކުޅެފައިވާ ސިލްސިލާ އެކެވެ.