ބޮލީވުޑްގެ އަރަމުން އައި ފަންނާނު ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ޚަބަރު މިދިޔަ އަހަރުގެ ޖޫން މަހު ލިބުން ވެގެން ދިޔައީ އެތައް ބަޔަކަށް ލިބުނު ހިތްދަތި ކަމަކަށެވެ. އޭނާގެ މަރުގެ ތަހުގީގުގެ ތެރެއިން އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނީ އޭނާގެ ލޯބިވެރިޔާ އަދި ބަތަލާ ރިއާ ޗަކްރޮބަދީ އަށެވެ. ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފަޅާ އެރި ޑްރަގް ނެޓްވޯކްގެ މައްސަލައިގައި ރިއާ ހައްޔަރު ކުރި ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

މި އަހަރު ރިއާ ޗަކްރަބޯތީ ފިލުމަކުން ފެންނާނެ ކަމަށް ފިލުމު ޑައިރެކްޓަރު ރޫމީ ޖެފްރީ ވަނީ މިދިޔަ ޑިސެމްބަރު މަހު ބުނެފައެވެ. ރޫމީއަކީ ސުޝާންތު އަދި ރިއާގެ ވެސް ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އިއްޔެ ރިއާ ޖިމަށް ދާ މަންޒަރު ފެންނަ ފޮޓޯތަކެއް މީޑިއާ އާއި މީސްމީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ.

ރިއާ ދާން ފެށީ ސުޝާންތު އާއި އޭނާ އާއި ދެ މީހުން އެކުގައި ގޮސް އުޅުނު ޖިމަށެވެ. އޭނާ ޖިމަށް ދިޔައީ ކޮއްކޮ ޝޯބަވްއާ އެއްކޮށެވެ.

މީގެ ކުރިން ޑައިރެކްޓަރު ރޫމީ ވަނީ މި އަހަރުގެ ކުރީކޮޅު ރިއާ އެނބުރި ފިލުމީ މަސައްކަތަށް ނުކުންނާނެ ކަން ހާމަކޮށްފައެވެ. ރިއާ މިހާރު ހުރީ ޖަލުން ސަލާމަތްވެފައި ކަމަށާއި އަދި ވަރަށް އަވަހަށް އޭނާ އެނބުރި ފިލުމު އިންޑަސްޓްރީއަށް ނިކުންނާނެ ކަމަށް ރިއާގެ ވަކީލް ވެސް ބުނެފައިވެއެވެ. އެހެންކަމުން ރިއާ އަލުން ޖިމަށް ދާން ފެށީ ފިލްމަށް ތައްޔާރުވުމަށް ކަމަށް ބެލެވެއެވެ.

ސުޝާންތު އާއި ދެ މީހުން އެއްކޮށް ގޮސް އުޅުނު ޖިމަށް ރިއާ ދިއުމުން އޭނާ އަދިވެސް ސަމާލުކަން ހޯދަން އުޅޭ ކަމަށް ބުނެ މީހުން ވަނީ ފާޑު ކިޔައިފައެވެ. އަނެއްބައި މީހުން ވަނީ އެއީ ސުޝާންތު އާއި ދެ މީހުން އެކުގައި ވަގުތު ހޭދަ ކުރި ތަނަކަށް ވުމުން ރިއާ އެތަނަށް ދަނީ ކަމަށް ބުނެފައެވެ.

ނަމަވެސް ބެލެވޭ ގޮތުން ރިއާ އެތަނަށް ދަނީ އޭނާގެ ޓްރެއިނަރު ބަދަލު ކުރަން ބޭނުން ނުވާތީއެވެ. އެއީ މިދިޔަ އަހަރު ދިމާވި ކަންކަމަށް ފަހު އާ ޓްރެއިނަރަކާ އެކު އޭނާ އަށް މަސައްކަތް ކުރަން އުނދަގޫވާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު