ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ޓޮޕް ބްރޭންޑް ނައިކްއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބޫޓެއް ތައާރަފްކޮށްފިއެވެ.

މި ބޫޓަކީ ގުދު ނުވެ، އަރާލެވޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ބޫޓެކެވެ. ނައިކްއިން ބުނި ގޮތުގައި މި ބޫޓު އުފެއްދުމުގެ ހިޔާލު ލިބުނީ އުމުރުން 16 އަހަރުގެ މެޓް މެތިއު ވޯލްޒާގެ ފަރާތުންނެވެ.

އޭނާއަކީ ދުވަސް ނުފުރި ވިހެއުމުގެ ސަބަބުން ފުއްޕާމޭ އެއްކޮށް ފުރިހަމަވެފައި ނުވާ ކުއްޖެކެވެ. ފުއްޕާމޭ އެއްކޮށް އުފެދިފައިނުވުމުގެ ސަބަބުން ސެރެބްރަލް ޕަލްސީއާގެ ބަލިމަޑުކަމާއި އޭނާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ނުކުޅެދޭ މީހެއްގެ ގޮތުގައި ހަޔާތުގެ ދުވަސްތައް ގުނަމުންދާ އިރު އޭނާގެ އުމުރުން 12 އަހަރުގައި ވަނީ ނައިކްގެ ކުންފުންޏަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީއަކީ އޭނާ ކޮލެޖަށް ދާން ތައްޔާރުވަމުން ދިޔަ ދުވަސްކޮޅު ފަސޭހަކަމާއެކު އެރޭނެ ބޫޓެއް ތައާރަފްކޮށް ދިނުމަށް އެދި ފޮނުވާފައިވާ ސިޓީއެކެވެ.

ދެހާސް ބާރަ ވަނަ އަހަރު ނައިކްއަށް ފޮނުވި ސިޓީގައި އޭނާ ބުނެފައިވަނީ ނައިކްގެ ބާސްކެޓް ބޯޅަ ބޫޓު ނޫން އެހެން ބޫޓަކަށް އޭނާ ނާރާކަމަށެވެ. އަދި އެއީ އޭނާގެ ތަބިކަށްޓަށް ސަޕޯޓް ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ.

މެތިއު ވަނީ ނުކުޅެދޭ ކުއްޖަކަށް ވުމުން ކޮންމެ ދުވަހަކު ވެސް ތަހައްމަލް ކުރަން ޖެހިފައިވާ ދަތި ދުވަސްތަކުގެ ވާހަކަތައް ވެސް ކުޑަކޮށް އެ ސިޓީގައި ހިއްސާކޮށްފައެވެ. އެގޮތުން އެ ދަތިކަމަށް ހައްލެއް ހޯދާ ދިނުމަށް ބޫޓުގެ ނާޑުވާ އައްސަން ނުޖެހި ފަސޭހަކަމާއެކު އެރޭނެ ބޫޓެއް ނައިކްއިން ތައާރަފްކުރުމަށް އެދިފައިވެއެވެ.

މެތިއުގެ ކަންބޮޑުވުމަށް ނައިކުން ޖަވާބު ދިނީ އެމީހުންގެ "ނައިކް ފްލައި އީޒީ" ބޫޓުންނެވެ. މި ބޫޓު ފަރުމާކޮށްފައި ވަނީ ގުދުވެގެން ބޫޓަށް އަރަން އުނދަގޫ މީހުންނަށް ފަސޭހަކަމާއެކު އެރޭނެ ގޮތަކަށެވެ.

އެ ބޫޓު އިތުރަށް ތަރައްގީ ކުރުމަށްފަހު "ނައިކީ ގޯ ފްލައި އީޒީ" ބޫޓު ވެސް މިވަނީ ތައާރަފުކޮށްފައެވެ. ބޫޓުގައި ނާޑުވާ ނުހިމެނޭ އިރު އަތް ނުލާ ހަމަ ފައި ކޮށްޕާލާ އިރަށް އެރޭނެ ގޮތަށް ބޭންޑްއެއް ލައްވާފައިވެއެވެ.

އެގޮތުން މެތިއުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް ނައިކްއިން ތައާރަފްކުރި ބޫޓަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ އެތުލީޓުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތައާރަފްކުރެވިގެން ދިޔަ ބޫޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު