ކޮވިޑް-19 އާއި ހެދިގެން އެކި ކަހަލަ ކަންކަން ނުކުރުމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އެއީ ސަބަބެއް ނެތިއެއް ނޫންކަން އެންމެންނަށްވެސް އެނގޭނެއެވެ. އެފަދަ ކަންކަން ނުކުރުމަށް ބުނަނީ އެކަންކަން ކޮށްގެން ބަލި އިތުރަށް ފެތުރިދާނެތީއެވެ.

އެގޮތުން މީގެ ކުރިން ސައިންސްވެރިން ވަނީ ފުރަތަމަ ބަލި ފެތުރެން ފެށުމާއި މާސްކު އަޅައި އެކަކު އަނެކަކު ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުންވެސް ރޭ ކުރުން ފަދަ ކަންކަން ހުއްޓަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ. އެއީ އެކަމުގެ ސަބަބުން ބަލި ފެތުރިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މިކަމަށް ހައްލެއް ލިބޭނީ ކޮންދުވަހަކުތޯ ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަނިކޮށް މިހާރު މިވަނީ ވެކްސިނެއް ލިބިފައެވެ. އަދި އޭގެ ފަހުން ވެކްސިން ޖަހައިގެން ގައިދުރުކަން ނުބެހެއްޓިއަސް މައްސަލައެއް ނުޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެކަމާއި ގުޅިގެން ސައިންސްވެރިން ބުނެފައިވަނީ ވެކްސިން ޖެހިއަސް، ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަަށާއި އެކަކު އަނެކަކު "ހަގް" ނުވަތަ ބައްދުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އެކަން ނުކުރުމަށްވެސް ވަނީ ބުނެފައެވެ.

ބާމިންހަމް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް އިމްފްލެމޭޝަން އެންޑް އޭޖިންގެ ޑިރެކްޓަރ ޖެނެޓް ލޯޑް ބުނެފައިވަނީ އިލްތިމާސްއަކީ އެއްވެސް ގޮތަކަށް ގައިގައި ނުބެއްދުން ކަމަށެވެ. އެއީ ވެކްސިންގެ އަސަރު ސީދާ ކުރާނީ ކިހާ ހިސާބަކުތޯ ނޭނގޭތީ ކަމަށެވެ.

"އަޅުގަނޑުގެ އެދުމަކީ މިވަގުތު އެއްވެސް މީހަކު ހަގް ނުކުރުން. އެއީ މިހާރު ވެކްސިންގެ އަސަރު ކުރާނީ ކޮން އިރަކުތޯ ނޭނގޭތީ. އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ވެކްސިން ޖަހައިގެންވެސް ދުރުގައި ތިބުން" އޭނާ ބުންޏެވެ.

ބަލި ފެތުރިފައިވާ ގައުމުތަކުގެ ސަރުކާރުން ވަނީ އެގައުމުތަކުގެ ރައްޔިތުން މާސްކާއި ގައިދުރުކަން ބަހައްޓައި އެކުލަވާލާފައިވާ އުސޫލުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.

ސައިންސްވެރިން އެގޮތަށް ބުނެފައިވަނީ މިވަގުތު ކޮވިޑް-19ގެ އިތުރު ވައްތަރުތައްވެސް އުޅޭތީއެވެ. އަދި ވެކްސިން ޖެހިއަސް ބަލިން ރައްކާތެރި ނުވަތަ ތިމާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭނެކަން އެނގިފައި ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު