ކޮންމެ މީހަކީ ވެސް މަސައްކަތްކޮށްގެން ފައިސާ އެއްކުރުމަށްފަހު ވަރުބަލިކަން ފިލުވާލައި މަޖާ ކުރަން ދާން ބޭނުން ވެފައި ތިބޭނެ ބައެކެވެ.

ގިނަ ފަހަރަށް މީހުން މިފަދަ ދަތުރުތަކުގައި އިހްތިޔާރުކުރަނީ ހުދު ދޮން ވެލި މޫދު ހުންނަ ކަހަލަ ތަންތަނެވެ. އަބަދު އެއްކަހަލަ ތަންތަން ފެނުމުން ފޫހިވާ ގޮތް މެދުވެރިވެއެވެ. ކޮންމެ ދަތުރެއްގައި ވެސް އާތަނެއް ތަޖްރިބާ ކޮށްލަން ދާން އެންމެން ވެސް ބޭނުން ވާނެއެވެ.

އެގޮތުން އޯޝަންގޭޓް އެކްސްޕެޑިޝަންގެ ފަރާތުން ވަނީ ހަ މީހަކަށް ޓައިޓޭނިކް ބަލާލަން ދިއުމުގެ ފުރުސަތު އޮތް ކަމަށް އިއުލާންކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކޮންމެ ފީނުމެއްގައި ސައިންޓިސްޓުންނާއި ފިލްމު އުފައްދާ މީހުން އަދި ދިރާސާ ކުރާ މީހުން ބައިވެރިވާނެއެވެ. އެމީހުން ފޮޓޯ ނެގުމާއި ވިޑިއޯ ކުރުމާއި އަދި މި ބޯޓު އަޑިއަށް ދާން މެދުވެރިވި ސަބަބު ހޯދަން މަސައްކަތް ކުރާނެއެވެ.

މިދަތުރުގެ ބައިވެރިންނަށް ހާއްސަ ތަމްރީނުތައް ދެވިގެންދާނެއެވެ. ކަނޑު އަޑިއަށް ފީނާ އުޅަނދެއްގައި އޭގެ ފަހުން ދަތުރުފަށާނެއެވެ. ކޮންމެ ފީނުމެއްގައި 10 ގަޑިއިރު ނަގާނެއެވެ.

މި ދަތުރުގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކުވެސް 125000 ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ދަތުރުމަތިގައި ބޭނުންވާ އެހެނިހެން ކަންތައްތަކަށް 50000 ޑޮލަރު ދައްކަން ޖެހޭނެ ކަމުގައި ބުނެފައިވެއެވެ. މިގޮތުން ކޮންމެ ދަތުރުވެރިއަކަށް ވަކި ކޮޓަރިއެއް ލިބޭނެއެވެ. އެގޮތުން ފުރަތަމަ ދަތުރު ދާން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު މޭ މަހުގައެވެ.

މިދަތުރުގައި ބައިވެރިވާން ބޭނުންވާ ބައިވެރިންގެ އުމުރުން 18 އަހަރު ފުރިފައިވާން ޖެހޭނެ ކަމުގައިވެސް ބުނެފައިވެއެވެ. ޝަރުތު ހަމަވާ މީހުން އޮންލައިންކޮށް ބައިވެރިވާން އަންގަފައިވެއެވެ. އޭގެ ފަހުގައި ބައިވެރިން ތަމްރީންގެ އެއްބަސްވުމުގައި ސޮއިކޮށް މިކަމަށް ދައްކަންޖެހޭ ފާއިސާ ދައްކާ ނިންމަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު