އެޕަލް ކުންފުނިން ނެރެން ހަމަޖެހިފައިވާ ކަމަށް ބެލެވޭ އެޕަލް ވާޗުއަލް ރިއަލެޓީ(ވީއާރް) ހެޑްސެޓްގެ ތަފްސީލުތަކެއް ލީކުވެއްޖެ އެވެ.

އެޕަލް އިން ނެރެން ހަމަޖެހިފައިވާ ކަމަށް ބެލެވޭ ވީއާރް ހެޑްސެޓާއި ގުޅޭގޮތުން ލީކުވެފައިވާ ތަފްސީލުތައް ބުނާގޮތުން މި ހެޑްސެޓުގެ އަގު 3،000 އެމެރިކާ ޑޮލަރަށް އަރައެވެ. އަދި މީގައި 8ކޭ ޑިސްޕްލޭއެއްގެ އިތުރުން އައިޓްރެކިންގ ޓެކްނޮލޮޖީ ހިމެނޭ ކަމުގެ ވާހަކަތައް ފެންމަތިވެފައި ވެއެވެ.

ވީއާރް ހެޑްސެޓާއި ގުޅިގެން ލީކުވި ތަފްސީލީ މަޢުލޫމާތުތަކަށް ބަލާއިރު މި ހެޑްސެޓުގައި ޑަޒަނަކަށް ވުރެ ގިނަ ކެމެރާ ވާކަމަށް ދަ އިންގޮމޭޝަންގެ ރިޕޯޓަކުން އަންގައިދެއެވެ. މި ކެމެރާތަކުގެ އެހީގައި މީހުންގެ އަތުގެ ހަރަކާތްތައް ޓްރެކް ކުރެވެއެވެ.

އެޕަލް އިން ފަހުގެ ޓެކްނޮލޮޖީގެ އެހީގައި މިފަދަ އައިނުތަކެއް ނެރެން އުޅޭވާހަކަތަކެއްވެސް ވަނީ މީގެ ކުރީން ފެންމަތިވެފަ އެވެ. ކުރިން އަޑުފެތުރިފައިވާ ގޮތުން އެޕަލް އިން ނެރޭ އައިނުގައި ހިމެނޭނީ ހަމައެކަނި އޯވާލެއިޑް ޑިސްޕްލެއި އެކެވެ. މީގެ އެހީގައި މެޕްތަކާއި އެކި އެކި މައުލޫމާތުތައް ފަސޭހައިން ހޯދަން އެހީތެރިވެގެންދާނެ އެވެ.

ބްލޯމްބާގް ރިޕޯޓަށްފަހު މިހާރު މީހުން ދެކޭގޮތުގައި އެޕަލް އިން ނެރުމަށް ހަމަޖެހިފައި ވަނީ ވާޗުއަލް ރިއަލިޓީ ހެޑްސެޓެކެވެ.

މި ރިޕޯޓުތައް ދައްކާގޮތުގައި މި ހެޑްސެޓް ބޮޑަށް މާކެޓްކުރެވިފައި ވަނީ ވިޔަފާރިތަކަށާއި ކިޔަވައިދިނުމަށާއި ސިއްހީދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. މައިކްރޯ ސޮފްޓް އިން ނެރެފައިވާ ހެޑްސެޓް ހޯލޯލެންސް ހެޑްސެޓަކީ މި ހެޑްސެޓުގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށް ވާއިރު އެ ހެޑްސެޓުގެ އަގު 500 ޑޮލަރު ބޮޑެވެ.

އެޕަލްގެ ވީއާރް ހެޑްސެޓް ފޭސްބުކުން ނެރެފައިވާ އޮކިއުލަސް ކުއެސްޓް ހެޑްސެޓަށްވުރެ އަގުބޮޑުކަމުގައި ވިޔަސް ގިނަ ބަޔަކަށް މި ހެޑްސެޓް ބޭނުންކޮށްގެން ފަހުގެ ޓެކްނޮލޮޖީ އާއި އެކު ވާޗުއަލް ރިއަލިޓީގެ ދުނިޔެއަށް މިބޭނުންކުރާ ފަރާތްތައް ވަދެވިގެން ދެއެވެ.

ވީއާރް ހެޑްސެޓްގައި 8ކޭ ޑިސްޕްލޭ ކޮންމެ ލޮލަކަށް ހުންނަ އިރު މިހެޑްސެޓުން އަގުހެޔޮ ހެޑްސެޓަށްވުރެ ސާފުކޮށް އަދި އަސްލާ އެއްގޮތަށް ފެނޭކަމަށް ރިޕޯޓު ކުރެއެވެ.

އެޕަލަ އިން މި ހެޑްސެޓް މާކެޓަށް ނެރޭނެ ކަމަށް އަޑުފެތުރިފައި ވަނީ 2022 ގައި އެވެ. އަދި ލީކުވި ރިޕޯޓުން ބުނީ 2023 ގައި އެޕަލް އިން މިއަށްވުރެ ފުރިހަމަ ވީއާރް ހެޑްސެޓެއް ނެރޭނެ އެވެ.

އެޕަލް ކުންފުނިން އާ އުފެއްދުންތައް އަބަދުވެސް ނެރެމުންދާއިރު މިހާރު ނެރެފައިވާ އީޖާދުތަކަށް އިތުރު އަޕްޑޭޓުތައްވެސް އަންނަނީ ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު