ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ހާންގެ "ރާދޭ" މިމަހު 13 ގައި ރިލީޒްކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ބޮލީވުޑްގެ މެގަސްޓަރ ސަލަމާން ހާން ކޮންމެ އަހަރެއްގެވެސް އީދާ ދިމާކޮށް އާ ފިލްމެއް ފޭނުންނަށް ހަދިޔާކުރެއެވެ. މިދިޔަ އަހަރު ދުނިޔޭގައި ފެތުރެމުންދިޔަ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ އަހަރު ނެރުމަށް ހަމަޖެހިފައި އޮތް ފިލްމު "ރާދޭ" ވަނީ އެހެން ތާރީހެއްގައި ރިލީޒް ކުރުމަށް މަޖުބޫރު ވެފައެވެ.

ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބައި، އަކީ 2009 ވަނަ އަހަރު ނެރުނު ސަލްމާން ހާންގެ ފިލްމު "ވޮންޓެޑް" ގެ ސީކުއެލް އެކެވެ. ސަލްމާންގެ ހުރިހާ ފިލްމަކީވެސް އެތައް މިލިއަން ބަޔަކު ގަޔާވެގެން ބަލާ ފިލްމުތަކެކެވެ. އޭނާގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އިރު ސަލްމާން ފެނިގެންދާ ކޮންމެ ފިލްމަކަށްވެސް އަބަދުވެސް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަ ކުރެވެއެވެ.

ފޮޓޯ: ގޫގުލް
ސަލްމާންގެ ރާދޭގެ ޝޫޓިންގެ ތެރެއިން ފޮޓޯ: ގޫގުލް

ފިލްމު ރާދޭ އަކީ އެކްޝަން ފިލްމެކެވެ. ސަލްމާން އަކީ އެކްޝަން ފިލްމެއް ކުޅުނު ކަމުގައި ވިޔަސް އެކްޓިން ގައި އެފަދަ ދެވަނައެއް ނުވާވަރުގެ ފަންނާނެކެވެ. ސަލްމާންގެ ރޮމޭންޓިކް ލޯބީގެ ފިލްމުތައްވެސް އެހާ ގިނައެވެ.

2009 ވަނަ އަހަރު ނުކުތް ވޮންޓެޑް އަކީ ޕްރަބޫ ދޭވާ ޑައިރެކްޓް ކުރި ފިލްމިކެވެ. ސަލްމާންގެ މޮޅު އެކްޓިން އެއް ފެނިގެން ދިޔަ އެ ފިލްމަށްފަހު އޭގެ 12 އަހަރު ފަހުން ފިލްމު ރާދޭ ރިލީޒް ކުރާއިރު އޭގެ ސަބަބުން މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރާދޭގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާގޮތުގައި މި ފިލްމު ވިއްކައިގެން ލިބޭ ލާރިން ވަކި ވަރެއް މިހާރު އިންޑިޔާއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އިން އަރައިގަތުމަށް އެހީތެރިވުމަށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޮކްސިޖަން ބޭނުންވާ ފަރާތްތަކާއި ހޮސްޕިޓަލްތަކުގެ އެނދު، ސިލިންޑާސް ފަދަ ތަކެތި ގަނުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައި ވެއެވެ.