އިންސާނިޔަތު ކަމުގެ ނަމޫނާ ދައްކައި އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ސޯނޫ ސޫދު ފުރަތަމަ އޮކްސިޖަން ޕްލާންޓް ގާއިމުކޮށް ސޯނޫގެ ވަޢުދު ފުއްދައިފިއެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ އޮކްސިޖަން ނުލިބި ގިނަ ބަޔަކު މަރުވަމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އޮކްސިޖަން ޕްލާންޓް ބަހައްޓައިދޭނެ ކަމަށް ސޯނޫ ސޫދު ވަނީ ވައުދުވެފައެވެ.

ނެލޮރޭ އަވަށުގައި ފުރަތަމަ އޮކްސިޖަން ޕްލާންޓް ބަހައްޓައި ސޯނޫގެ ވައުދު ފުއްދައިދިނުމުން އެ އަވަށުގެ މީހުން ސޯނޫއަށް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އެ އަވަށުގެ ހޮސްޕިޓަލަށް އޮކްސިޖަން ޕްލާންޓް ގެންދާ ވީޑިއޯއެއް ހިއްސާކޮށް ސޯނޫ ސޫދުގެ އިހުސާސްތައް ވަނީ ހާމަކޮށްފައެެވެ.

''ނެލޮރޭގެ ސަރުކާރު ހޮސްޕިޓަލެއްގައި ފުރަތަމަ އޮކްސިޖަން ޕްލާންޓް ބެހެއްޓުމުން އަހަރެން ވަރަށް އުފާވޭ. މިކަމުގައި އެހީތެރިވި ހުރިހާ ޑޮކްޓަރުންނާއި އާއްމު ރައްޔިތުންނަށް ޝުކުރު އަދާކުރަން. މިއީ އޮކްސިޖަން ޕްލާންޓް ބެހެއްޓުމުގެ ފުރަތަމަ މަރުހަލާ. އަދި އިތުރު ޕްލާންޓްތައް ބެހެއްޓޭނެ. ގައުމުގެ އެކި އަވަށްތަކުގައި އޮކްސިޖަން ޕްލާންޓް ބެހެއްޓޭނެ'' ވީޑިއޯ ހިއްސާކޮށް ސޯނޫ ސޫދު ބުނެފައިވެއެވެ.

ގައުމުގެ އެކި އަވަށްތަކުގައި 18 ވަރަކަށް އޮކްސިޖަން ޕްލާންޓް ބެހެއްޓުމުގެ ހުވަފެންތައް ދެކެމުން އަންނަ ސޯނޫ ސޫދު ދަނީ 200 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސޯނޫއަކީ ބޮލީވުޑުގެ ކާމިޔާބު ގިނަ ފިލުމުތަކަކުން ފެނިފައިވާ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު