އިންޑިއާގެ އަވަށެއްގައި ދުވަހު މަސައްކަތުން އާމްދަނީ ހޯދަމުން ދިޔަ އިސަކް މުންޑާ މިދިޔަ އަހަރު އިންޑިއާ ފުރަބަންދު ކުރުމާ ގުޅިގެން އާމްދަނީ ހޯދުމުގެ މަގުތައް ބަންދުވެގެން ދިޔައެވެ.

މަސައްކަތް ނުކުރެވި ގޭގައި ކާނެ އެއްޗެއް ނެތި، ބަނޑުހައި ކަމުގައި ހުންނަން ޖެހުމުން އެ ޚިޔާލުތަކާ ދުރުވުމަށް ކުރި މަސައްކަތުން ފެނުނީ ރަހުމަތްތެރިއެއްގެ ފޯނުން ޔޫޓިއުބް ވީޑިއޯއެކެވެ.

މި ވީޑިއޯއިން ޔޫޓިއުބުގައި ވީޑިއޯ ހެދުމަށް ޝައުގުވެރިވި އިސަކް އޭނާގެ ފުރަތަމަ މޯބައިލް ފޯނު ގަތީ 3000 ރުޕީސްއަށެވެ. އެއަށްފަހު ޔޫޓިއުބުގައި އޭނާގެ ފުރަތަމަ ވީޑިއޯ އަޕްލޯޑް ކުރިއެވެ.

އިސަކްގެ ފުރަތަމަ ވީޑިއޯގައި ދައްކައިދީފައިވަނީ ޕަކޯޅާއާއި ފިޔަލަކާއި ތޮޅި މިރުހެއް ކެއި ވީޑިއޯއެކެވެ. އިސަކް ބުނެފައިވާ ގޮތުގައި އޭނާގެ މި ވީޑިއޯ ވަނީ 4.99 ލައްކަ މީހުން ބަލައިފައެވެ.

އެއަށްފަހު އެމީހުންގެ ގޭގެ ހާލަތާއި ފަގީރު ހިސާބުތަކުގައި މީހުން ކައިބޮއެ އުޅޭ ގޮތާއި ކައި ތަކެއްޗާއި ކުރާ މަސައްކަތްތައް ދައްކުވައިދީ ވީޑިއޯތައް ހަދައި ޔޫޓިއުބުގައި އަޕްލޯޑް ކުރަން ފެށިއެވެ.

އޭނާގެ މި ވީޑިއޯތައް އެތައް ބަޔަކު ބެލި ކަމަށާއި އަދި އޭގެ ސަބަބުން މިހާރު އޭނާއަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް ވެސް އިސަކު ބުނެފައިވެއެވެ.

ފުރަތަމަ ވީޑިއޯއަށް އަޕްލޯޑު ކުރިތާ ތިން މަސް ފަހުން މިދިޔަ އަހަރު ޖޫން މަހު އިސަކުގެ ބޭންކު އެކައުންޓަށް 37،000 ރުޕީސް ޖަމާވެފައިވެއެވެ. އަދި އެއަށްފަހު އޯގަސްޓް މަހު ވަނީ ޔޫޓިއުބުން އޭނާގެ މުސާރައިގެ ގޮތުގައި ފަސް ލައްކަ ރުޕީސް ދީފައެވެ.

އިސަކްއަށް މި ލިބޭ ފައިސާއިން ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އޭނާ ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެ

    މި ގައުމުގަ ތިކަން ކޮށްގެން ވާނެ އެއްވެސް ފައިދާއެއް ނެތް. އެހެންވީމާ މިފަދަ ލިޔުންތަކުން ވަނީ ދެރަ. ރައްޔިތަކަށް އެއްޗެއް ލިބުން ނޭދޭނެ މިއުޅޭ ބައިގަނޑު. ބަޔަކު ފަގީރުވެދާނެ ކަމަށް ބިރަށް ޔޫޓިއުބް ފަދަ ޕްލެޓް ފޯމްތައް މަނިޓައިޒް ކޮށްލަން ނުކެރޭ އެއްވެސް ސަރުކާރަކަށް މި ގައުމުގަ.