ބޮލީވުޑުގެ ފިލުމު ތަކުގައި ވިލަންގެ ރޯލުތަކުންނާއި ހެއްވާ މަޖާ ރޯލުތަކުން މަގުބޫލުކަން ހޯދާފައިވާ ޗަންކީ ޕާންޑޭގެ މަންމަ ސްނެލަތާ ޕާންޑޭ މިދިޔަ ހޮނިހިރު ދުވަހު މަރުވެއްޖެއެވެ.

ޗާންކީ ޕާންޑޭގެ ދަރިފުޅު ބަތަލާ އަނަންޔާ ޕާންޑޭގެ އާއިލާއިން އޭނާ އެންމެ ލޯބިވާ މެމްބަރަކީ ޗަންކީގެ މަންމަ ސްނެލަތާ ޕާންޑޭއެވެ. އަނަންޔާގެ އެންމެ ލޯބިވާ މާމަ މަރުވިއިރު އޭނާ ހުރީ ފިލުމީ މަސައްކަތެއްގައި އަވަށުން ބޭރަށް ގޮހެވެ.

ސްނެލަތާ މަރުވުމުން ޗަންކީ ޕާންޑޭއާއި އޭނާގެ އަންހެނުން ބާވްނާއާއި ހަގު ދަރިފުޅު ރީސާ ސްނެލަތާ ދިރިއުޅޭ ގެއަށް ޒިޔާރަތް ކުރިއެވެ. އަދި މަސައްކަތްތައް އެއްފަރާތް ކޮށްލުމަށް ފަހު އަނަންޔާ ވެސް މާމައަށް އެންމެ ފަހުގެ ޒިޔާރަތް ކުރިއެވެ.

އާއިލާގެ މެމްބަރުންގެ އިތުރުން ބޮލީވުޑުގެ ބައެއް ފަންނާނުންނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް އަނަންޔާގެ މާމައަށް ފަހުގެ ޒިޔާރަތް ކޮށްފައިވެއެވެ.

އޭގެތެރޭގައި ޑިއެންނާ ޕާންޑޭއާއި ބަތަލާ ނީލަމް ކޮތާރީއާއި އޭނާގެ ފިރިމީހާ އެކްޓަރ ސަމީރު ސޯނީއާއި ޝަބީނާ ޚާންއާއި ސުހެއިލް ޚާންގެ ދަރިފުޅު ނިރުވާންއާއި ސިޔާސީ ބޭފުޅުން ކަމުގައިވާ ބާއީ ޖަގްތަޕްއާއި ބާބާ ސިއްދީގު ފަދަ މީހުން ހިމެނެއެވެ.

މާމަ ސްނެލަތާއާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިވާ އަނަންޔާ އެންމެ އުފާވި އެއް ވަގުތަކީ އޭނާ ބޮލީވުޑަށް ތަޢާރަފްވި ފިލުމު ''ސްޓޫޑެންޓް އޮފް ދަ އިޔާ 2'' ގެ ލަވަ ''ޖަވާނީ'' އަށް އޭނާގެ މާމައާއި ކޮއްކޮ އަހާން ޕާންޑޭ ޑާންސް ކުރުމުން ކަމަށް އަނަންޔާ ބުނެފައިވެއެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ވެސް އަނަންޔާގެ ހާއްސަ މެސެޖު ހާއްސަ ކުރެވުނީ އޭނާގެ މާމައަށެވެ.

ކިޔުންތެރިންގެ ހިޔާލު