ދިންގްލިޝްގެ ވާހަކަކޮޅުތައް ޓިކްޓޮކްގައި ގެނެސްދީ ދިވެހީންގެ ތެރޭގައި މަގުބޫލުވެގެންދިޔަ އަފްނާން އިބްރާހިމް އާ ޓިކްޓޮކް އެކައުންޓެއް ހަދައިފިއެވެ.

ދެ މަސްތެރޭގައި އަފްނާންގެ ޓިކްޓޮކް އެކައުންޓުގެ ފޮލޯވަރުންގެ އަދަދު އަށް ހާހަށް އަރާފައިވާ އިރު ބައެއްގެ ވަގު އެކައުންޓުތަކެއްގެ ސަބަބުން އަފްނާންގެ އެކައުންޓު ޓިކްޓޮކް އިން ބޭންކޮށްފައި ވާތާ ދުވަސްކޮޅެއް ފަހުން އަލުން އާ ޓިކްޓޮކް އެކައުންޓެއް އަފްނާން މިވަނީ ހަދައިފައެވެ.

ފުރަތަމަ ހެދި ޓިކްޓޮކް އެކައުންޓް ބޭން ކޮށްލުމުން އަފްނާން އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޓިކްޓޮކްގެ ގިނަ ގަވައިދުތަކެއް މުގުރާލާފައިވާ ކަމަށް ބުނެ އޭނާގެ އެކައުންޓު ޓިކްޓޮކް އިން ބޭންކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އަފްނާން ބުނީ އޭނާ އެއްވެސް ގަވައިދެއް މުގުރާލާފައި ނުވާނެ ކަމަށާއި އޭނާއަށް ނަފްރަތު ކުރާ ބައެއް މީހުން ފޭކު އެކައުންޓުތައް ހަދައިގެން ޓިކްޓޮކްގައި އޭނާގެ އެކައުންޓު ރިޕޯޓު ކުރީ ކަމަށެވެ.

ޓިކްޓޮކް އިން އަފްނާންގެ އެކައުންޓު ބޭން ކުރި އިރު އޭނާއަށް ވަނީ ދެ މަސް ދުވަސްތެރޭގައި އަށްހާހަށްވުރެ ގިނަ ފޮލޯވާސް ލިބިފައެވެ.

އަފްނާން މީގެ ކުރިންވަނީ ޓިކްޓޮކް އިން އޭނާގެ އެކައުންޓު ބޭން ކުރި ކަމުގައި ވިޔަސް ދިންގްލިޝް ހުއްޓާނުލާނޭ ކަމަށް ބުނެފަ އެވެ. އަދި އާ އެކައުންޓެއް ހެދެންދެން ފޭސްބުކްގެ އޭނާގެއެކައުންޓަށް ދިންގްލިޝްގެ ވާހަކަކޮޅުތައް އަޕްލޯޑް ކުރާނެ ކަމަށް އަފްނާން ބުންޏެވެ.

އުމުރުން 27 އަހަރުގެ އަފްނާން އިނގިރޭސި އާއި ދިވެހި ބަސް މަސްހުނިކޮށް ރީތި ޖުމްލަތަކަކުން މުޖްތަމައުގެ މައްސަލަތައް ވަރަށް ފުރިހަމައަށް ގެނެސްދެއެވެ. އަފްނާންގެ އިންސްޓަގްރާމް އެކައުންޓެއްވެސް ހުޅުވާފައިވެއެވެ. އެ އެކައުންޓުގައި ދިންގްލިޝްގެ ޅެންތައް ލިޔުންކޮޅުތަކެއްގެ ސިފައިގައި އެންމެންނަށް ފެންނާނެގޮތަށް ގެނެސްދީފައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމުނަ

    ތިވާނީ މާމޮޅު ލިޔުންތެރިންނަށް ވެގެން އުޅޭ ދެތިން މަންޖެޔަކު ކުރި ކަމަކަށް