ބަރުދަން ލުއި ކުރުމަކީ މިހާރު ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ކުރާ މަސައްކަތެކެވެ. މީހަކު ބުނާހާ ޑައިޓެއްކޮށް ބުނާހާ ކަސްރަތެއް ކޮށްގެން ވެސް ބަރުދަނަށް ބަދަލެއް ނާންނަ މައްސަލައަކީ މިއަދުގެ މުޖުތަމައުގައި ކުރާ އާންމު ޝަކުވާއެކެވެ.

އާޓިކަލްއަކުން ޑައިޓެއްގެ ވާހަކަ ލިޔެފައި އޮތްނަމަ އަގު ބޮޑަސް، އެ އެއްޗެހި ގަނެގެން އެ ބުނާ ގޮތަށް ކަންތައް ކުރެއެވެ. މޮޅު ޖިމްއެއްގެ ވާހަކަ ނުވަތަ ކަސްރަތު ކުލާސްތަކެއްގެ އިޝްތިހާރެއް ފެނިއްޖެ ނަމަ ފިިރިމީހާ ގާތު އާދޭސްކޮށް އެތައް ޚަރަދަކާއި ވަގުތެއް އެކަމަށްޓަކައި ހޭދަ ކުރެވެއެވެ.

ފަތިހު ދުވަން ދިޔުމާއި ފަތަން ދިޔުމާއި ތެޔޮލީ އެއްޗެހި ކެއުން ހުއްޓާލާ މެންދުރާއި ރޭގަނޑުގެ ކެއުން ގުރުބާންކޮށް ނުވަތަ މެންދުރާއި ރޭގަނޑުގެ ކެއުމުގައި ތަރުކާރީއާއި މޭވާކޮޅެއް ކާލައިގެން ފުއްދާލެވެއެވެ. ނަމަވެސް ބަރުދަނަށް ލުޔެއް ނުލިބެއެވެ.

ހުރިހާ ވަގުތަކާއި އެތައް ޚަރަދެއް ކޮށްގެން ބަރުދަން ލުއި ކުރުމަށް އެތައް މަސައްކަތެއް ކުރި ނަމަވެސް މަގުމަތިން ދިމާވާ ރަހުމަތްތެރިން ފެންނައިރަށް ''ހާދަ ފަލަވެއްޖޭ'' ކިޔުމަށް ބަދަލެއް ނާދެއެވެ.

ހަށިގަނޑު ލޫޅާފަތިކޮށް ތިބޭ ކުދިން ހިތު ހުރިހާ އެއްޗެއް ކައިގެން އުޅޭއިރު، އަދި ފަލަކޮށް ތިބޭ މީހުން އެވަރަށް ބަލައިގެން އުޅޭއިރު ވެސް ހަށިގަނޑަށް އަންނަ ބަދަލުގެ ސަބަބުން ހިތްދަތިވެއެވެ.

މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ އަސްލު ޑައިޓަކީ ކޮބައި ހެއްޔެވެ؟ ބަރުދަން ލުއި ކުރުމަށް ކުރަންޖެހޭ އަސްލު ކަސްރަތަކީ ކޮބައި ހެއްޔެވެ؟

ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ ހެނދުނުގެ ނާސްތާ ދޫކޮށްނުލާށެވެ. ހުރިހާ ވަގުތެއްގައި ވެސް އެކަށީގެންވާ މިންވަރަށް ކާށެވެ. ގިނަގިނައިން ފެން ބޯށެވެ. ހަރަކާތްތެރިވެ އުޅޭށެވެ. މޭވާއާއި ތަރުކާރީ ފަދަ ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ކުރާށެވެ.

މުހިންމީ ވަކި ދުވަހެއް ވަންދެން މި ކަންތައްތައް ކުރުމެއް ނޫނެވެ. މިއީ އަބަދުވެސް ކަންތައް ކުރަންވީ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު