ކުޅަދާނަ ރެޕް ލަވަކިޔުންތެރިޔާ އެމިނަމްގެ ގެއަށް ވަދެ އޭނާ އަށް މަރުގެ އިންޒާރުދިން މީހާ ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އެމިނަމްގެ ގެއަށް ވަދެފައި ވަނީ މެތިއު ހިއުސް ނަމަކަށް ކިޔާ 28 އަހަރު ފިރިހެނެކެވެ. އޭނާ އެމިނަމްގެ ގެއަށް ވަގަށް ވަދެފައި ވަނީ ފާއިތުވި އަހަރުގައި އެވެ. އޭގެ ފަހުން އޭނާ ހުރީ 524 ދުވަސް ވަންދެން ޖަލުގައި ހައްޔަރުކޮށްފައި އެވެ. އަދި އޭނާގެ މައްޗަށް މިހާރު ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ހިއުސް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވަނީ ވަރަށް މަދުންނެވެ. އަދި އޭނާ ދެއްކި ވާހަކަ އާއި މި މައްސާލާގައި ދީފައިވާ ބަޔާންވެސް ދެކޮޅު ނުޖެހޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ހިއުސް ހައްޔަރުކުރި އިރު އޭނާ އަކީ ގެއެއްގައި އުޅޭ މީހެއްވެސް ނޫނެވެ. އަދި އޭނާ އަކީ ނަފްސާނީ ގޮތުން މައްސަލަތަކެއް ހުރި މީހެއް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. ފަސް އަހަރުގެ ޖަލު ހުކުމް ނިންމާލުމަށްފަހު ހިއުސް ދިރިއުޅޭނީ އޭނާގެ މަންމަގެ ގޭގައި ކަމަށް ޝަރީއަތުގައި އޭނާގެ ވަކީލު ވަނީ ބުނެފަ އެވެ.

އެމިނަމްގެ ގެއަށް ހިއުސް ވަން އިރު އެމިނަމް އޮތީ ނިދާށެވެ. ހިއުސް ވަނީ އެމިނަމްގެ ގޭގެ ބަދިގެ ފަޅިން ގާގަނޑަކުން ބަދިގޭގެ ކުޑަދޮރު ހަލާކުކޮށްލައިގެންނެވެ. އެވަގުތު އެމިނަމް ހީކުރީ އެއީ އޭނާގެ ކޮށްކޮއެއް ކަމަށެވެ. އަދި ގޭގެ ސެކިއުރިޓީންނަށް ގޮވުމުން ވަގުތުން ގޮސް ހިއުސް ހައްޔަރުކޮށް ފުލުހުންނާއި ހަވާލުކުރި އެވެ.

މީގެ ކުރީގައި ގެތަކަށް ވަގަށް ވަންނަ ކަމުގެ ތުހުމަތު ހިއުސް އަށް އޮވެއެވެ.