ރޯހިތު ޝެޓީގެ ''ސޫރިއަވަންޝީ'' އެޅުވިތާ އެއްދުވަސް ފަހުން ފިލުމު އޮންލައިންކޮށް ލީކުވެއްޖެއެވެ.

ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ރޯހިތު ޝެޓީގެ ''ސޫރިއަވަންޝީ'' އަކީ ސިނަމާތައް އަލުން ހުޅުވާލާ، އިންޑިޔާގެ ހާއްސަ ދުވަހެއް ކަމުގައިވާ ''ދިވާލީ'' ގެ މުނާސަބަތުގައި ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ފިލުމެކެވެ.

ފިލުމުގެ މަސައްކަތް ނިމި ދެ އަހަރު ވީ ނަމަވެސް އޯޓީޓީ ޕްލެޓް ފޯމެއްގައި ފިލުމު އެޅުވުމަށް ޑައިރެކްޓަރ ރޯހިތު ޝެޓީގެ އިތުރުން ލީޑު ރޯލުން ފެނިގެންދާ އަކްޝޭ ކުމާރު ވެސް ބޭނުން ނުވުމާއި އެކު ސިނަމާތަކުގައި ފިލުމު އެޅުވުމަށް ލަސްކުރީއެވެ.

އެތައް އިންތިޒާރަކަށް ފަހު، ފިލުމު ސިނަމާ ތަކުގައި އެޅުވިތާ އެއް ދުވަސް ތެރޭގައި ފިލުމު އޮންލައިންކޮށް މި ވަނީ ލީކްވެފައެވެ. މިހާރު މި ފިލުމު ''ޓެމިލް ރޮކާސް''، ''ޓޮރެންޓްސް''، ''މޫވިއާރޫލްޒް''، ''ޓެލިގުރާމު'' ގެ އިތުރުން އެހެނިހެން ވެސް ސައިޓުތަކުން ފްރީކޮށް ޑައުންލޯޑު ކުރެވެއެވެ.

ފިލުމު އޮންލައިންކޮށް ލީކުވުމާއެކު، މި ފިލުމަށް ބޮކްސް އޮފީހުގައި ލިބޭ އާމްދަނީ މަދުވެގެންދާނެ ކަމެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ފިލުމުގެ ލީޑު ރޯލުން އަކްޝޭ ކުމާރުގެ އިތުރުން ފެނިގެންދާނީ ކެޓްރީނާ ކެއިފްއެވެ. އަދި މީގެ އިތުރުން ރޯހިތުގެ ކުރީގެ ދެ ''ކޮޕް'' ފިލުމުގެ ލީޑުން އެ ފިލުމުގެ ކެރެކްޓާއިން ފެނިގެން ދާނެއެވެ. އެއީ ސިންގަމްގެ ކެރެކްޓާއިން އަޖޭ ދޭވްގަންއާއި ސިމްބާގެ ކެރެކްޓާއިން ރަންވީރު ސިންގްއެވެ.

ފިލުމު ''ސޫރިއަވަންޝީ'' ގެ އިތުރުން ރަޖުނީކާންތުގެ ''އަންނާތޭ'' ފިލުމު ވެސް ވަނީ އޮންލައިންކޮށް ލީކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު