ބޮލީވުޑުގެ ތިން ޚާނުންގެ ތެރެއިން އެންމެ މަގުބޫލު އެއް ޚާން ކަމުގައިވާ އާމިރު ޚާން ތިންވަނަ ކައިވެންޏެއް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އާމިރު އާއި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ ވަރިވީ ކަމުގެ ޚަބަރު އާއްމުކޮށްފައިވަނީ މި އަހަރުގެ އޯގަސްޓު މަހުއެވެ.

ކިރަންއާއި އާމިރު ކައިވެނި ކޮށްފައިވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި ކައިވެނިން މިދެމަފިރިންނަށް ފިރިހެން ދަރިއެއް ވެސް ލިބިފައެވެ. އެއީ އާޒަދު ޚާނެވެ.

ކިރަންއަކީ އާމިރުގެ ކުރީގެ ކައިވެނިން ލިބިފައިވާ ދެ ކުދިން ކަމުގައިވާ ޖުނެއިދުއާއި އިރާ ޚާނާއި ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

މީގެއިތުރުން އާމިރުއާއި ކިރަން ވަނީ އެ ދެމީހުންގެ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހުޅުވާފައެވެ.

އާމިރުއާއި ކިރަން ވަކިވުމާއި އެކު އާމިރުގެ ތިންވަނަ ކައިވެންޏަކަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ. ޚަބަރުތައް ބުނާގޮތުން އާމިރު މިހާރު މަސައްކަތް ކުރަމުންދާ ފިލުމު ''ލާލް ސިންގް ޗައްޑާ'' ނެރުމަށްފަހު އޭނާގެ ކައިވެންޏާއި ގުޅޭގޮތުން މަޢުލޫމާތުދޭނެއެވެ.

ފިލުމުގެ ކުރިން އެފަދަ އެއްވެސް ކަމެއްގެ ވާހަކަ ދައްކަން އާމިރު ބޭނުން ނުވަނީ އެކަމުގެ އަސަރު ފިލުމަށް ކޮށްފާނެތީ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

މީގެއިތުރުން އާމިރު މިފަހަރު ކައިވެނި ކުރުމަށް ތައްޔާރުވަމުން ދަނީ މީގެ ކުރިން އާމިރު ކުޅެފައިވާ ފިލުމެއްގައި އޭނާއާއި އެކު މަސައްކަތް ކޮށްފައިވާ ބަތަލާއަކާއި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑިޔާގެ މީޑިޔާތަކުން މި ވާހަކަ މިގޮތަށް ދެކެވުނު ނަމަވެސް މިކަމާ ގުޅިގެން އާމިރު ޚާން އެއްވެސް އެއްޗެއް ނުބުނެއެވެ.