ބޮލީވުޑު ޖޯޑުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެންމެ ލޯބި އެއް ޖޯޑަކީ ރިތޭޝް ދޭޝްމުކްއާއި ޖެނެލިއާ ދޭޝްމުކްއެވެ.

ޖެނެލިއާއާއި ރިތޭޝްއަކީ އެކްޓިންގެ ދުނިޔޭގައި ''ސުޕަރ ހީރޯ'' ގެ ލަގަބު ލިބިފައި ނެތް ނަމަވެސް ބެލުންތެރިންނަށް ކަމުދާ، ގިނަ ފިލުމުތަކެއް ކުޅެފައިވާ ދެ ފަންނާނުންނެވެ.

20 އަހަރު ދުވަހު ކެމެރާގެ ކުރިމަތީގައި މަސައްކަތް ކުރުމަށް ފަހު ފުރަތަމަ ފަހަރަށް ކެމެރާގެ ފަހަތުގައި މަސައްކަތް ކުރުމަށް ރިތޭޝް އަންނަނީ ތައްޔާރު ވަމުންނެވެ.

ރިތޭޝް ފުރަތަމަ ޑައިރެކްޓް ކުރާ ފިލުމު ހާއްސަ ވެގެން ދަނީ އޭނާގެ އަނބިމީހާ ޖެނެލިއާގެ ސަބަބުންނެވެ.

10 އަހަރު ވަންދެން ފިލުމީ ދުނިޔެއާއި ދުރުގައި ހުރުމަށް ފަހު ޖެނެލިއާ ފިލުމީ މަސައްކަތަށް އެނބުރި އަންނަނީ ރިތޭޝްގެ ފުރަތަމަ ޑައިރެކްޝަން ފިލުމުންނެވެ.

ޓުވިޓާ މެދުވެރިކޮށް ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ރިތޭޝް ވަނީ މަރާތީ ފިލުމެއް ޑައިރެކްޓު ކުރުމަށް ތާއްޔާރަށް އަންނަ ކަމަށް ބުނެފައެވެ.

އަދި އިންސްޓަގުރާމު މެދުވެރިކޮށް ޖެނެލިއާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ތަފާތު ބަހުރުވައިގެ ފިލުމުތައް ކުޅުމަށް ޝައުގުވެރިކަން ހުންނަ ކަމަށާއި އޭނާއަކީ މަހަރާޝްތުރާއަށް އުފަން މީހަކަށް ވުމުން މަރާތީ ފިލުމެއް ކުޅުމުގެ ހުވަފެންތައް ދެކެމުން އައި ކަމަށެވެ.

ޖެނެލިއާ ދެކެމުން އައި މި ހުވަފެން ހަގީގަތަކަށް ވެގެންދާނީ އޭނާގެ ފިރިމީހާ ރިތޭޝްގެ ފުރަތަމަ ޑައިރެކްޝަން ފިލުމުން ކަމަށް ވެސް ޖެނެލިއާގެ މި ޕޯސްޓުގައި ބުނެފައިވެއެވެ.

ރިތޭޝްއާއި ޖެނެލިއާ ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މި ދެމީހުންނަށް ވަނީ ދެ ފިރިހެން ކުދިން ވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު