މި އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޖަލުން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކޮށްފައެވެ.

މިގޮތުން އޮކްޓޫބަރ 30 ވަނަ ދުވަހު އާރްޔަން ގެއަށް ފޮނުވާލާފައިވާ ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތަކީ ކޮންމެ ހަފުތާއެއްގެ ވެސް ހުކުރު ދުވަހު އެންސީބީ އޮފީހަށް ހާޒިރު ވުމެވެ.

ނަމަވެސް ކޮންމެ ހުކުރު ދުވަހަކު އެންސީބީ އޮފީހަށް ހާޒިރުވާން އާރްޔަން ބޭނުން ނުވާތީ އެކަމާއި ގުޅިގެން ހައި ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

އާރްޔަންގެ މި މައްސަލައިގައި އޭނާ ފާހަގަ ކޮށްފައިވަނީ މިހާރު އޭނާގެ މައްސަލަ ބަލަމުންދަނީ އެންސީބީން ނޫން ކަމަށާއި އެ މައްސަލަ ކުރިއަށް ގެންދަނީ ދިއްލީގެ ސްޕެޝަލް އިންވެސްޓިގޭޓިން ޓީމަކުން ކަމަށެވެ.

އޭނާ އެންސީބީއަށް ދާ ކޮންމެ ދުވަހަކު މީޑިޔާގެ ސަބަބުން އެތައް ފުލުސް އޮފިސަރެއްގެ އެހީ ބޭނުންެވެއެވެ. އެހެންވެ މީގެ ކުރިން ކޮންމެ ހަފުތާއަކު ވެސް ބަރާބަރަށް އެންސީބީ އޮފީހަށް ހާޒިރު ވެފައިވާތީއާއި ސްޕެޝަލް އިންވެސްޓިގޭޓިން ޓީމުން ވެސް ހާޒިރުވާން ބުނާ ކޮންމެ ފަހަރަކު ގޮސްފައިވާތީ، ހަމައެކަނި އެންސީބީ އޮފީހަށް ކޮންމެ ހުކުރު ދުވަހަކު ދިޔުން ނިމުމަކަށް ގެންނަން ބޭނުންވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އާރްޔަން ވަނީ ނޮވެމްބަރު މަހުގެ 5، 12، 19، 26 އަދި ޑިސެމްބަރު މަހުގެ 3، އަދި 10 ވަނަ ދުވަހު ވެސް އެންސީބީގެ އޮފީހަށް ބަރާބަރަށް ހާޒިރުވެފައެވެ.

މި މައްސަލައާއި ގުޅިގެން ހައިކޯޓުން އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި ބުނެފައިވަނީ އަރްޔަންއާއި ދެކޮޅަށް އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ