2015 ވަނަ އަހަރު ކަބީރު ޚާން ޑައިރެކްޓް ކޮށްފައިވާ ފިލުމު ''ބަޖުރަންގީ ބައިޖާން'' ގެ ދެވަނަ ބައެއް ނެރޭނެ ކަމަށް ''ބަޖުރަންގީ ބައިޖާން'' ފިލުމުގެ އިސް ރޯލު ކުޅެފައިވާ ސަލްމާން ޚާން ބުނެފިއެވެ.

ސަލްމާން ޚާން މިހެން ބުނެފައިވަނީ ''އާރްއާރްއާރް'' ފިލުމުގެ ޓީމާއި އެކު އޮތް ބޮޑު ހަފުލާއެއްގައެވެ. މި ހަފުލާގައި ވާހަކަ ދައްކަމުން ސަލްމާން ބުނެފައިވަނީ ބަޖުރަންގީ ބައިޖާންގެ ދެވަނަ ބައި ލިޔާނީ 'އެސް އެސް ރާޖުމޯލީ ކަމަށެވެ.

އަދި ވަރަށް އަވަހަށް މި ފިލުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ސަލްމާން ބުނެފައިވެއެވެ.

ކަރަން ޖޯހަރު، އެސް އެސް ރާޖުމޯލީ، ރާމް ޗަރަން އާއި އާލިއާ ބަޓް ބައިވެރިވި މި ހަފުލާގައި ވާހަކަ ދައްކަމުން ސަލްމާން ބުނެފައިވަނީ އެސް އެސް ރާޖުމޯލީގެ ބައްޕަ، ކޭ.ވީ ވިޖެޔަންދުރަ ޕްރަޝާދު ސަލްމާނުގެ ކެރިއާގެ ފާހަގަ ކޮށްލެވޭ ފިލުމެއް ދީފައިވާ ކަމަށެވެ.

ކޭ.ވީ ވިޖެޔަންދުރަ ޕްރަކާޝް ލިޔެފައިވާ ފިލުމު ''ބަޖުރަންގީ ބައިޖާން'' އަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލުމެކެވެ. މި ފިލުމަށް ވަނީ އެތައް އެވޯޑެއް ވެސް ލިބިފައެވެ.

މި ފިލުމުގައި ސަލްމާންގެ އިތުރުން ކަރީނާ ކަޕޫރު ޚާނާއި ނަވާޒުއްދީން ސިއްދީގީއާއި ހަރްޝާލީ މަލޯތުރާ ވެސް ހިމެނެއެވެ.

ސަލްމާން ޚާން އަކީ ކާމިޔާބު އެތައް ފިލުމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އެކްޓަރެކެވެ.

އެގޮތުން ''ދަބަންގް''، ''ރެޑީ''، ވޯންޓެޑް''، ''ޖެއި ހޯ''، ''އަންތިމް: ދަ ފައިނަލް ޓްރުތު''، ''ރާދޭ: ދަ މޯސްޓް ވޯންޓެޑް ބާއީ'' ފަދަ ފިލުމުތައް ހިމެނެއެވެ.