ބޮލީވުޑްގެ ތެރެއަށްވެސް ކޮވިޑް-19ގެ ރާޅެއް އަރާފައިވާއިރު، މަޝްހޫރު ކަޕޫރް އާއިލާގެ ގިނަބަޔަކު މި ވަނީ ކޮވިޑަށް ފައްސިވެފައެވެ. ފުރަތަމަ ފެށީ ކަރީނާ ކަޕޫރް ޚާން އިންނެވެ. އޭނާއާ އަމްރީތާ އަރޯރާ ކޮވިޑުން ރަނގަޅުވި ނަމަވެސް، ކަޕޫރް އާއިލާ ތެރޭގައި އަދިވެސް ކޮވިޑް އެބަ އޮތެވެ.

އެގޮތުން އީޓައިމްސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، އަރްޖުން ކަޕޫރް އަންޝުލާ ކަޕޫރް އާއި ރިއާ ކަޕޫރްގެ އިތުރުން ކަރަން ބޫލާނީ މި ވަނީ ކޮވިޑަށް ފައްސިވެ ޣޭގައި ކަރަންޓީންވެފައެވެ.

އަދި ބޮނޭ ކަޕޫރްވެސް ސިއްހީ ހާލުކޮޅު ގޯސްވެގެން ޓެސްޓުތައް ހެދި ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ އާއި އަނިލް ކަޕޫރްވެސް ނައްސި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީޓައިމް އިން ބުނެފައިވާގޮތުގައި، އެ އާއިލާ މީހުންގެ ހާލު ރަނގަޅެވެ. އަދި އެ މީހުންގެ ގައިން ފެންނަނީ ބަލީގެ ކުދިކުދި އަލާމާތްތަކެވެ.

އަރްޖުން ކޮވިޑަށް ފައްސިވިއިރު، ހުރީ މުމްބާއީގެ ސުބާބަންގައި ހުރި ހޮޓަލެއްގައެވެ. އޭނާ ރޭގަނޑު ގަޑީގައި ޝޫޓިންގްތަކެއް ކުރިއަށްގެންދިޔައިރު، މިވަގުތު ހުރީ އެކަހެރިވެގެންނެވެ.

މީގެ އިތުރުން، އިތުރު ތަރިންތަކެއްވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެގޮތުން ގޯއާއަށް ޗުއްޓީއަށް ގޮސް އެނބުރި އައިފަހުން ރަންވީރު ޝޮލޭ ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހާއްސަކޮށް އެ ގައުމުގައި އޮމިކްރޮން ވޭރިއެންޓް ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ.