ބޮލީވުޑްގައި އެންމެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ބަތަލާ ކަންގަނާ ރަނަވާތް އަށް އަނެއްކާވެސް އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.

މިފަހަރު އޭނާއަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނީ އެ ގައުމުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައި ވަނިކޮށް މާސްކް ނާޅާއި މުމްބާއި އެއާޕޯޓަށް ވަނުމުންނެވެ.

މިހާރު އެ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އާއްމުވުމާއެކު އޭނާއަކީ މާސްކް އަޅަން ނުޖެހޭ މީހެއްތޯ އެއްބަޔަކު ސުވާލުކޮށްފައި ވެއެވެ.

ފާޑު ކިޔުންތަކަށް އަބަދުވެސް ރައްދު ދެމުން އަންނަަ ކަންގަނާ މިކަމާ ގުޅިގެން އަދި އެއްޗެއް ނުބުނެއެވެ.

ކަންގަނާ އަކީ ބޮލީވުޑްގެ ތެރޭގައި ހިނގާ ނޭއްގާނީ އެތައް ކަމެއްގެ ވާހަކަތައް މީސް މީޑިއާގައި ފާޅުކަން ބޮޑުގޮތެއްގައި ހާމަކުރަމުންދާ ފަންނާނެކެވެ. އެގޮތުން ބޮލީވުޑް ތެރޭގައި އޮތް ނެޕޮޓިޒަމް ކަންތަކުގައި އެންމެ ބޮޑަށް އަޑުއުފުލާ އެކަކުގެ ގޮތުގައި އޭނާ ފާހަގަވެއެވެ. މީގެ އިތުުރުން އޭނާއަކީ ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީ މައްސަލާގައިވެސް އެންމެ ފާޅުކަންބޮޑު ގޮތެއްގައި ވާހަކަދައްކާ ފަންނާނެވެ.

ކަންގަނާ މިވަގުތުވެސް ބައެއް ފިލްމްތަކުގައި މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ ތެޖާސްގެ ޝޫޓިންގް ފަށާފައެވެ. އެ ފިލްމްގައި ކަންގަނާ އަކީ ޕައިލެޓެކެވެ.

އެ ފިލްމްގެ އިތުރުން ކަންގަނާގެ ދާކަޑް ފިލްމްގެ މަސައްކަތްވެސް ހިމެނެއެވެ. އެ ފިލްމް މި އަހަރު ތެރޭގައި ނެރޭނެއެވެ.