ބޮލީވުޑުގެ އެކްޓަރ އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ އުމުރު ތަފާތު ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް އަރުޖުން ރައްދު ދީފިއެވެ.

އަރުޖުންއާއި މަލައިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. މަލައިކާއަކީ އަރުޖުންއަށް ވުރެ އުމުރުން ދޮށީ މީހެކެވެ. ނަމަވެސް އުމުރުގެ ތަފާތުގެ ސަބަބުން މި ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ.

އަރުޖުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާގެ ދައްތަ ނުވަތަ ބޮޑުދައިތަގެ އުމުރުގެ މީހަކާއި ކަމަށް ވެސް ބައެއް ފަރާތް ތަކުން ބުނެފައިވެއެވެ.

ކުރިން މިފަދަ ފާޑުކިޔުންތަކަށް ބީރު ކަންފަތެއް ދިން ނަމަވެސް މިފަހަރު ފާޑުކިޔާ ފަރާތްތަކަށް ވަރުގަދަ ރައްދެއް އަރުޖުން ދީފިއެވެ.

"ޕޯސްޓުތަކަށް ކުރާ ކޮމެންޓް ތަކުގެ 90 އިންސައްތަ ކޮމެންޓު ނުކިޔަން. އެއީ މިފަދަ ފާޑުކިޔުންތަކަށް ސަމާލުކަން ނުދޭން ވެގެން. އެއީ މިފަދަ ފާޑުކިޔުންތަކަކީ ދޮގު ކަމަށް ވާތީ. މި ފާޑުކިޔާ ފަރާތްތަކަކީ އަހަރެން ފެނުމުން އަހަރެންނާއި އެކު ފޮޓޯ ނަގަން ބޭނުންވާ ބައެއް. އެހެންކަމުން އެމީހުންގެ ވާހަކަ ތަކަކީ ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫން" އަރުޖުން ބުނެފައިވެއެވެ.

އަރުޖުން މިހެން ބުނެފައި ވަނީ އައު އަހަރުގެ ތަހުނިޔާ ކިޔުމަށް މަލައިކާ އާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ގައި ހިއްސާ ކުރުމުން މީހުން ފާޑުކިޔާ ކޮށްފައިވާ ކޮމެންޓް ތަކުގެ ސަބަބުންނެވެ.

ފިލުމު "ގުންޑޭ" އިން ބޮލީވުޑަށް ތަޢާރަފް ވެފައިވާ އަރުޖުން އަކީ މިހާރު ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ފަންނާނެކެވެ.

މަލައިކާ އާއި އަރުޖުންގެ ލޯބީގެ ގުޅުމުގެ އިތުރުން އަރުޖުންގެ ހަށިގަނޑު ފަލަކޮށް ހުންނާތީ މަލާމާތް ކުރާ މީހުން ވެސް ވަރަށް ގިނައެވެ.