ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކާޓޫން ''ޓޮމް އެންޑް ޖެރީ'' ގެ ފުރަތަމަ އެޕިސޯޑު ރިލީޒް ކުރިތާ 82 އަހަރުވެއްޖެއެވެ.

1940 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހު ފުރަތަމަ އެޕިސޯޑު ރިލީޒް ކުރި މި ކާޓޫނަކީ ކޮންމެ މީހެއްގެ ވެސް ކުޑައިރުގެ އެންމެ އަގުހުރި ހަނދާން ތަކުގެ ތެރެއިން އެއް ހަނދާނެކެވެ.

ބުޅަލަކާއި މީދަލެއްގެ ދެމެދުގައި ހިނގާ މަޖާ ކަންތައްތައް ދައްކުވައިދޭ މި ކާޓޫނަށް 82 އަހަރު ފުރުނު ނަމަވެސް މި ކާޓޫނަށް އޮތް މަގުބޫލުކަން ކުޑައެއް ނުވެއެވެ.

ބުޅަލަށް ''ޓޮމް'' ގެ ނަމުން ނަން ދީފައިވާ އިރު މީދަލަށް ދީފައިވާ ނަމަކީ ''ޖެރީ'' އެވެ. ޓޮމް، ޖެރީއަށް ލަނޑުދޭން އުޅުމުގެ ތެރޭގައި ޓޮމްއަށް ލިބޭ އަނިޔާތަކާއި ލަނޑު ތަކަކީ މިއަދު ވެސް ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން މުސްކުޅިންނަށް ވެސް މަޖާ ކަންތައްތަކެވެ.

އެންމެ ފުރަތަމަ ''ޓޮމް އެންޑް ޖެރީ'' އަށް ދީފައިވާ ނަމަކީ ''ޖެސްޕަ އެންޑް ޖިންކްސް'' އެވެ. މިއީ ފުރަތަމަ އެޕިސޯޑުގައި ދީފައިވާ ނަމެވެ.

ނަމަވެސް ފަހުން އެ ނަން ބަދަލު ކުރެވުނީ އެނިމޭޓަރ ޖޯން ކަރް ބައިވެރިވި މުބާރާތެއްގައި އޭނާ ދިން ނަމުންނެވެ. 50 ޑޮލަރުގެ އިނާމު ލިބުނު މި މުބާރާތުގައި ''ޓޮމް އެންޑް ޖެރީ'' ގެ ނަން ހުށަހެޅިއެވެ.

ވިލިއަމް ހަންނާއާއި ޖޯސެފް ބާރބެރާ އުފައްދާފައިވާ މި ކާޓޫނުގެ ފުރަތަމަ އެޕިސޯޑަކީ މި ކާޓޫނުގެ އެންމެ ދިގު އެޕިސޯޑެވެ. މި އެޕިސޯޑުގެ ނަމަކީ ''ޕުސް ގެޓްސް ދަ ބޫޓް'' އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިޔަ ކަހަލަ ކާޓޫނުތައް ކުޑަކުދިންނަށް ދައްކައިގެން ޅަދަރީންގެ ސިކުނޑިތައް ހަލާކުވުން ނޫން އިތުރު ދެރައެއް ނުލިބޭނެ. ތިޔަ ކާޓޫނުން ކުދިންނަށް ދަސްވާކަމަކީ އޭގައި އުޅޭ ބުޅަލާ މީދަލާ އުޅޭހެން އަބަދު އެކަކު އަނެކަކަށް ޖެއްސުންކުރުމާއި، ހީނ މަލާމާތްކުރުމާއި އުނދަގޫ ދިނުމާއި ލަނޑުދިނުމާއި، ޅޮސް އުނދޯންޏަށް އރތއަދިވެސް މިޒާތުގެ އެންމެހާ ނުރަނގަޅު ސިފަތައް.

  2. Anonymous

    ތިޔަ ކަހަލަ ކާޓޫނުތައް ކުޑަކުދިންނަށް ދައްކައިގެން ޅަދަރީންގެ ސިކުނޑިތައް ހަލާކުވުން ނޫން އިތުރު ދެރައެއް ނުލިބޭނެ. ތިޔަ ކާޓޫނުން ކުދިންނަށް ދަސްވާކަމަކީ އޭގައި އުޅޭ ބުޅަލާއި މީދަލާއި އުޅޭހެން އަބަދު އެކަކު އަނެކަކަށް ޖެއްސުންކުރުމާއި، ހީނ މަލާމާތްކުރުމާއި އުނދަގޫ ދިނުމާއި، ޅޮސް އުނދޯންޏަށް އެރުވުމާއި ކެހި ދީ ލަނޑުދީ އަދިވެސް މިޒާތުގެ އެންމެހާ ނުރަނގަޅު ހުތުރު ސިފަތައް.
    އޭގެ ހިތި ނަތީޖާ ފެށެނީ އެކުގައި އުޅޭ އެކުވެރީންގެ ތެރެއިން. އާދެ ފުރަތަމަ މަދަރުސީ މާޙަލުން. ކުދިންނަށް ބުލީކުރުމާއި ޖެއްސުންކޮށް ބަސްނާހާ އުޅެނީ. އެޔަށް ފަހު މަގުތައް މަތިންލާފައި ގޯތިތެރެއަށް ވެސް މި ކާޓޫނުގެ ނުބައި އަސަރުތައް ވަދެ، އެކުދީންގެ ހިތްތައް ފަސާދަކޮށް ހަލާކުކޮއްލަނީ.
    މީގެ ބަދަލުގައި އިސްލާމީ ކާޓޫނުތައް އެކުދީންނަށް ދަސްކޮއްދީ ދެދުނިޔޭގެ ސަލާމަތްތެރިކަން އަތުވާން އޮތް އެހެން ވެސް މަގުތައް ދައްކާ އެމަގުން ހަރުކޮށް ހިނގާފައި ދެވޭނޭ އަޚްލާޤެއްް އެކުދީންގެ ގައިގައި އަށަގެންނެވޭތޯ އައު ހިތްވަރަކާއި އެކު އައު މަސައްކަތްތަކެއް ކުރުމަކީ މިއަދު އަޅުގަނޑުމެން ދިވެހި އެންްމެހާ މައިންބަފައިންގެ އަޚްލާޤީ ވާޖިބެއް ކަމަށް ދަންނަވަން. މާދަމާގެ ސަލާމަތައްޓަކާ. މާދަމާގެ އުފަލަށްޓަކާ.
    އަޅުގަނޑުމެންނަކީ ކާފަރު ފަރަންޖީންނެއް ނޫން. ޖާހިލުންނަކީ މެއް ވެސް ނޫން. އަޅުގަނޑުމެންނަކީ ދިވެހިން. އިސްލާމުން. އެހެންކަމުން އިސްލާމުންނޭ ބުނެ ނަން އުފުލަމުން ދާއިރު، އެމެރިކާނުންނާއި ހުޅަނގުގެ އޮއިވަރުތަކުގައި ޖެހި "އެގޮތް ރިވެތިވެގެން" މަގުފުރެދިގެން ދާ ބަޔަކު ކަމުގައި ވުމީ އަޅުގަނޑުމެން ދިވެއްސަކު ކޮއްގެން ވާނެ ކަމެއް ނޫން.