ދިވެހި މިއުޒިޝަނުންގެ މެދުގައި މަގުބޫލު ކްލަބްހައުސް ކްލަބެއް ކަމަށްވާ ކަވާސާގެ 29 ވަނަ ގިގު މިރޭ ބާއްވަން ހަމަޖެހިއްޖެއެވެ.

މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުވުމަށް ވިޔަފާރި އުސޫލުން ކުރިޔަށް ގެންދާ ކަވާސާ ގިގު ނައިޓުގެ މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 23:00 ގައެވެ.

މިރޭގެ ޝޯވް ހާއްސަ ކޮށްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިޝަން އާދަމް ފާލިހު އަށެވެ. ޒުވާން ކޮމާޝަލް އާޓިސްޓެއްގެ ގޮތުގައި ރިސޯޓުގައި މިވަގުތު މިއުޒިކު ކުޅެމުންދާ ފާލިހަކީ އޭނާގެ އަމިއްލަ ލަވަތައްވެސް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ފަންނާނެކެވެ.

މި ޝޯވް ސްޕޮންސަރ ކޮށްފައިވަނީ ބްރައިޑަލް ބުކިންގެ ހިދުމަތް ލިބޭ ޑައިމަންޑް ގެ ފަރާތުންނެވެ. ޑައިމަންޑަކީ ކައިވެންޏަށް ބޭނުންވާ ޕެކޭޖު އެއްތަނަކުން ލިބޭ ފޭސްބުކް ޕޭޖެކެވެ.

ކަވާސާއިން މިހާތަނަށް 28 ޝޯވް ކްލަބްހައުސް މެދުވެރިކޮށް އެހުންތެރިންނަށް ގެނެސްދީފައިވެއެވެ. ވޭތުވެދިޔަ ޝޯވްތަކުގައި ރާއްޖޭގެ މިއުޒިކީ ލެޖެންޑުންގެ ގޮތުގައި ގުނާލެވޭ ގިނަ އާޓިސްޓުން ވަނީ މި ޕްލެޓްފޯމުގައި ޕާފޯމް ކޮށްފައެވެ. އޭގެ ތެރޭގައި މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)، މުހައްމަދު ޝިއުޒު، މީރާ މުހައްމަދު މާޖިދު އަދި އަހުމަދު އިބްރާހީމް (އައްމަޑޭ) ހިމެނެއެވެ.