ދިވެހި މިއުޒިޝަނުންގެ މެދުގައި މަގުބޫލު ކްލަބްހައުސް ކްލަބެއް ކަމަށްވާ ކަވާސާގެ 30 ވަނަ ގިގު މިރޭ ބާއްވަން ހަމަޖެހިއްޖެއެވެ.

މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުވުމަށް ވިޔަފާރި އުސޫލުން ކުރިޔަށް ގެންދާ ކަވާސާ ގިގު ނައިޓުގެ މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 23:00 ގައެވެ.

މިރޭގެ ޝޯވް ހުށަހަޅައިދޭނީ ދިވެހި އަމިއްލަ އުފެއްދުންތަކަށް ލޯބިކުރާ އެތައް ހާސް ބައެއްގެ މެދުގައި މަޝްހޫރު އަޗޭސިއާ ބޭންޑެވެ.

އަޗޭސިއާ އަކީ ދިވެހި އޮރިޖިނަލް މިއުޒިކުގައި އަޑުގަދަ މޮޅެތި މިއުޒިޝަނުން ހިމެނޭ ބޭންޑެކެވެ. ލޮލާ ލޯ، ބޮޑާކަން، ކާމިޔާބު އަދި އައިސްބެޔަ ފަދަ ލަވަތަކަކީ ޒުވާނުންގެ ޕްލޭ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ އަޗޭސިއާގެ އަމިއްލަ އުފެއްދުންތަކެކެވެ.

ކަވާސާއިން ބުނިގޮތުގައި މިރޭގެ ޝޯވް ސްޕޮންސަރ ކުރީ މިއުޒިޝަނުންގެ އަގުވަޒަން ކުރާ އަމިއްލަ ފަރާތެކެވެ. އެ ކްލަބުން ބުނިގޮތުގައި މާލޭގައި ވިޝުއަލް ޝޯވްއެއް ބޭއްވުމަކީ ކްލަބްގެ މެންބަރުން މިހާރު ކުރާ އެންމެ ބޮޑު އުންމީދެވެ. ކަވާސާއަކީ ވާޗުއަލް އޯޑިއޯ ކޮންސެޕްޓެއްގައި ލައިވް ގިގުތައް ރާއްޖޭގައި ބާއްވަން ފެށި ފުރަތަމަ ކްލަބެވެ.