ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދުމަކީ ކޮންމެ މީހަކު ވެސް ކުރަން ބޭނުންވާ ކަމެކެވެ. ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ލިބޭނީ އެހެން މީހުންނަށް ނުކުރެވޭ އާދަޔާ ހިލާފު ކަމެއް މަދު ވަގުތު ކޮޅެއްގައި ނުވަތަ އެހެން ގޮތަކަށް ކުރުމުންނެވެ. މިއީ އެފަދަ ގޮތަކަށް ދުނިޔޭގެ ރިކޯޑް ފޮތުން 47 ސިކުންތުން މީހެއްގެ ބޮލުގެ އިސްތަށިގަނޑު ކޮށައިގެން ޖާގަ ހޯދި މީހެއްގެ ވާހަކައެވެ.

ބޯކޮށާ މީހުންނަކީ ހާއްސަ ހުނަރެއް ލިބިގެންވާ މީހުންނޭ ބުނާ އަޑު މީގެ ކުރިން ވެސް އިވެއެވެ. ނަމަވެސް އެކަން ގިނަ ބަޔަކަށް ކަށަވަރު ނުވަނީ އެކަން ފެނިފައި ނުވާތީއެވެ. އެފަދަ ގޮތަކަށް އެކަން ގަބޫލު ނުކުރާ ފަރާތްތަކަށް ގްރީސްގެ ބޯކޮށާ މީހަކު ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

ކޮންސްޓެންޓިނޮސް ކޫޓޯޕިސް ނަމަކަށް ކިޔާ މީހަކު 47 ސިކުންތު ތެރޭގައި މީހެއްގެ ބޯކޮށް މަންޒަރު ފެންނަ ވީޑިއޯ ހިއްސާ ކޮށްފައިވަނީ ޖިނެސް ވޯލްޑް ރިކޯޑްސްގެ ޓުވިޓާ އެކައުންޓުގައެވެ.

އެވީޑިއޯއިން ފެނިގެން ދަނީ ވަކި ވަގުތެއްގެ ތެރޭގައި އޭނާ އެހެން މީހެއްގެ ބޮލުގެ އިސްތަށިގަނޑު ޓްރިމަރަކާއި ފުނަލެއް ބޭނުން ކޮށްގެން ކޮށާ މަންޒަރެވެ. ވަގުތު ހަމަވަންދެން އޭނާ ހުރީ އެމީހާގެ އިސްތަށި ކޮށުމުގައެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޭނާ މަސައްކަތް ކުރީ ރީތި ކޮށް އޭނާ ހުންނާނެ ގޮތަކަށެވެ.

މިވީޑިއޯ އާންމު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ސަމާލު ކަމަށް އެވީޑިއޯ ވަނީ އައިސްފައެވެ. އަދި ގިނަ ބަޔަކު ވަނީ އޭނާއަކީ ހާއްސަ ހުނަރެއް ލިބިގެންވާ މީހެއް ކަމަށް ބުނެފައެވެ.