ބަހްރައިން އިން ފްރާންސްގެ ޕެރިސްއަށް ދަތުރު ކުރަމުންދިޔަ ގަލްފް އެއާގެ ފްލައިޓެއްގެ ކެބިން ކްރޫއަކަށް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

ގަލްފް އެއާގެ ފްލައިޓް ޖީއެފް-19 ގެ ކެބިން ކްރޫ ޔާސިރު ސާލިހް އަލް ޔަޒީދީގެ ސިއްހީ ހާލަތަށް ބަދަލު އައިސްފައި ވަނީ ބަހްރެއިން އިންޓަނޭޝަނަލް އިން ފުރި ފަހުންނެވެ. މިއަދު މެންދުރު ފުރި އެ ބޯޓު ޕެރިސް ޗާލްސް ޑި ގޯލް އެއާޕޯޓަށް ދިއުމަށް އޮތީ ހަމަޖެހިފައެވެ.

ނަމަވެސް އެއާބަސް އޭ321 މަރުކާގެ މަތިންދާބޯޓުގެ ޕައިލެޓުންނަށް އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ އެރްބިލްއަށް އިމަޖެންސީގައި ޖެއްސުމަށް މަޖުބޫރުވީ ޔާސިރަށް ބޭސްފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ.

މިއާއެކު މެޑިކަލް ޓީމަކުން އެ ސަރަހައްދަށް ގޮސް ސިއްހީ ހާލަތު ގޯސްވި ކެބިން ކްރޫ ކައިރި ހޮސްޕިޓަލަކަށް ގެންދިއުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ޔާސިރުގެ ހާލަތު ގޯސްވެފައި ވަނީ އިރާގުގެ 34،000 ފޫޓު ގެ މަތިން މަތިންދާބޯޓު ދަތުރުކުރަމުން ދަނިކޮށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ބޯޓު ފްރާންސްގެ ވެރިރަށަށް ދަތުރުކުރާ ފަސިންޖަރުންނާއެކު ދަތުރު ކުރިއަށް ގެންދިއުމުގެ ކުރިން އެރްބިލް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފްލައިޓް ގްރައުންޑް ކުރިއެވެ.

ޔާސިރު މަރުވުމާއި ގުޅިގެން ގަލްފް އެއާއިން ނެރުނު ބަޔާނެއްގައި ވަނީ އޭނާގެ އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ތައުޒިޔާ ކިޔާފައެވެ. އަދި ޝެޑިއުލާ އެއްގޮތަށް ފްލައިޓް އަލުން ޕެރިހަށް ފެށިކަން ކަށަވަރުކޮށްދީފަ އެވެ.