މަގްބޫލު ކުޑަކުދިންގެ ފިލްމު މޮއާނާގެ ލައިވް އެކްޝަން ފިލްމެއް ތައްޔާރު ކުރަން އުޅޭ ކަން ޑިޒްނީ ޕްރޮޑަކްޝަންސް އިން އިއުލާނުކޮށްފިއެވެ.

މޮއާނާ ކާޓޫން ރިލީޒްކޮށްފައި ވަނީ 2016 ވަނަ އަހަރުގައެވެ. މޮއާނާ އެނިމޭޓެޑް މިއުޒިކަލް މޫވީ ރިލީޒްކުރުމާއެކު، އެ އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މޮއާނާގެ މިއުޒިކަލްގެ ރީމޭކްއެއް ތައާރަފްވެގެންދާނެކަމަށް އިއުލާންކޮށްފައިވަނީ އެކްޓަރ ޑްވޭން ޖޯންސަންއެވެ. އެކަން އޭނާ އިއުލާންކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.

ޑްވޭން ވަނީ މި ޕްރޮޖެކްޓްގެ ކުރު ވީޑިއޯއެއް ހަވާއީގެ އޯހޫ އައިލެންޑްގެ ބީޗްއިން ދައްކާލާފައިއެވެ. ޑްވޭންއަކީ މޮއާނާ ކާޓޫންގައި 'ޑެމީ ގޮޑް މޯއީ" ގެ ބަޔަށް އަޑު އެޅި ފަންނާނެވެ. އެއާއިއެކު، އޭނާ ވަނީ މޮއާނާގެ ރީމޭކް ޕްރޮޑިއުސް ކުރަން ނިންމާފައިއެވެ.

ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއުޒިކަލްގައި މޮއަނާގެ ޝަހްސަށް އަޑުއަޅައިދިން އޯލިއީ ކްރަވަލްހޯގެ މަސައްކަތްވެސް މިފަހަރުގެ ޕްރޮޖެކްޓްގައި ހިމެނިގެންދާނެ ކަމަށެވެ. އޯލިއީ ބުނީ އޭނާއަކީ ޑްވޭންއާއިއެކީގައި މި ޕްރޮޖެކްޓްގެ އެގްޒެކިއުޓިވް ޕްރޮޑިއުސަރ ކަމަށެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ފުރާވަރު އުމުރުގެ އަންހެން ކުއްޖަކު އޭނާގެ ގަބީލާ މީހުން ސަލަމާތްކުރަން ކުރި މަސައްކަތުގެ މައްޗަށެވެ. އަދި އޭނާ ގާތަށް މޮއާނާ އުފެއްދުމުގެ ޚިޔާލު އަތުވީ ޕޮލިނޭސިއާ ދަރިކޮޅަށް ނިސްބަތްވާ އޭނާގެ ކާފަ ކަމަށްވާ ހައި ޗީފް ޕީޓަރ މައިވިއާގެ ސަބަބުން ކަމަށް ޑްވޭން ބުންޏެވެ.

ކުރީގެ ވްރެސްލަރއެއް ކަމަށްވާ ޑްވޭން ބުނީ މޮއާނާއަކީ އޭނާ ނިސްބަތްވާ ސަރަހައްދުގެ މީހުންގެ ސަގާފަތާއި ހަނގުރާމައިގެ ރޫހު ދައްކުވައިދިން ކާޓޫނެއް ކަމަށެވެ.