"އާރްއާރްއާރް" އިން ދުނިޔެ އަށް މަޝްހޫރު ވެގެން ދިޔަ އިންޑިއާގެ ތަރި ރާމް ޗަރަން އާއި ޖޫނިއަރ އެންޓީއާރް އާއެކު މަސައްކަތް ކުރަން ޝައުގުވެރިވާ ކަމަށް ހޮލީވުޑްގައި ނެރެން ހަމަޖެހިފައިވާ ފިލްމު "ދަ ލިޓްލް މާމެއިޑް"ގެ ކާމިޔާބު ޑައިރެކްޓަރު ރޮބް މާޝަލް ހާމަކޮށްފިއެވެ.

މެއި 26 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމާ ބެހޭ ގޮތުން ފިލްމުގެ އިސް ރޯލް އިން ފެނިގެންދާ ހޭލް ބެއިލީއާއެކު އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގެ ތެރޭގައި ރޮބް ވަނީ މި ދެ ތަރިންނާ އެކީ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެގޮތުން، އިންޑިއާގައި އޭނާއަށް އެންމެ ކަމުދަނީ ކޮން ފިލްމީ ތަރިއެއްހޭ އަހާލުމުން އޭނާ ވަގުތުން ދިން ޖަވާބަކީ "ނާޓު ނާޓު އެކްޓަރސް" އެވެ. މިއީ ރާމް އާއި ޖޫނިއަރ އެންޓީއާރް "އާރްއާރްއާރް"ގައި ކުޅެފައިވާ އެތަކެއް ބައިނަލްއަގްވާމީ އެވޯޑްތައް ހާސިލުކޮށްފައިވާ ލަވައެކެވެ. ރޮބް ބުނީ މި ލަވައިގައި އެ ދެ ފަންނާނުންގެ ހުނަރުވެރިކަން ވަކިން ބޮޑަށް ފެނިގެންދާ ކަމަށެވެ.

"ވަރަށް ރީއްޗަށް ނަށާ މީހުން. އަހަރެންނަށް ވަރަށް ކަމުދިޔަ އެ ލަވަ އަދި މުޅި ފިލްމުގައި "ނާޓު ނާޓު" ކުޅެފައިވާ ދެ ތަރިން ދެއްކި ޕަރފޯމަންސް. ބުންވަރާއިއެއްކޮށް މުޅި ފިލްމުގެ މަންޒަރުތައް ކުޅެފައިވަނީ. ހަަމަ އަޖައިބުވި އެމީހުން އަހަރެންގެ ސަމާލުކަން އެ ލަވައިން ދަމައިގަތް ގޮތް" ރޮބް ބުނެފައިވެއެވެ.

އޭނާ ވަނީ މި ދެ ތަރިންނަކީ ވަރަށް ކުޅަދާނަ އަދި ހުނަރުވެރި ތަރިންގެ ގޮތުގައި ސިފަކޮށްފައިއެވެ.