ދުނިޔޭގެ ގިނަ ބައެއްގެ ހިތް ދަމައިގެންފައިވާ އެޕަލް ކުންފުނިން އެ ކުންފުނީގެ އާ ޑިވައިސެއް ތައްޔާރުކޮށް، ދުނިޔެއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްފިއެވެ.

އެޕަލްއިން ތައްޔާރު ކޮށްފައިވާ އެޕަލްގެ އޮގްމެންޓެޑް ރިއަލިޓީ ހެޑްސެޓް ކަމަށްވާ އެޕަލް ވިޝަން ޕްރޯ އިއްޔެ ދައްކާލާފައިވަނީ އިއްޔެ އެކަމަށް ހާއްސަ ކޮށްގެން ބޭއްވި އިވެންޓެއްގައެވެ.

ދިގު އިންތިޒާރަކަށްފަހު ދައްކާލި އެޕަލް ވިޝަން ޕްރޯގެ އަގަކީ 3،500 އެމެރިކާ ޑޮލަރު (53،970 ރުފިޔާ) އެވެ. މި ހެޑްސެޓް އާންމުންނާއި ހަމައަށް އަންނާނީ އަންނަ އަހަރުއެވެ.

ވިޝަން ޕްރޯ ދައްކާލުމަށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަމުން އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކޫކް ބުނީ، މިއީ ހަގީގީ ދުނިޔެއާއި ވާޗުއަލް ދުނިޔެ، ދަތިކަމެއް ނެތި ގުޅުވާލަދޭން ހެޑްސެޓެއް ކަމަށެވެ.

ބޮލުގެ ފަހަތަށް ބޯކޮށް ހަދާފައިވާ ބޭންޑެއް ހަރުކޮށްފައި ހުންނައިރު، ކުރިމަތިން ފެނިގެން ދަނީ ބޮޑު ސްކްރީނެކެވެ.

ވިޝަން އޯއެސްއިން އޮޕަރޭޓް ކުރާ މި ހެޑްސެޓަކީ ގާތްގަނޑަކަށް ކޮމްޕިއުޓަރަކުން ކުރެވޭ ކަންތައް ވަރަށް ފަސޭހަ ކަމާއި އެކީ މީހާއަށް ކޮންމެ ތަނަކު ހުއްޓަސް ކުރެވޭނެ ހެޑްސެޓެކެވެ. ލޮލާއި އަތުގެ އިތުރުން އަނގައިން ކޮށްލާ ކޮމާންޑަކުން މި ހެޑްސެޓުން ބޭނުން ކަމެއް ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު