ބްރެޒިލްގެ އިރުއުތުރުގައި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި 14 މީހުން މަރުވެފައިވާ ކަމަށް ސިވިލް ޑިފެންސް އޮފިޝަލުން ބުނެފިއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އިމާރާތް ވެއްޓިފައި ވަނީ މިދިޔަ ހުކުރު ދުވަހު އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ޕަރްނަމްބޫކޯގެ ވެރިރަށް ރެސިފޭގެ ބޭރުގައި އޮންނަ ޖަންގާ އަވަށުގައެވެ.

އެޕާޓްމަންޓް އިމާރާތް ވެއްޓުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ތެރޭގައެވެ. މި ހާދިސާ ހިނގި ވަގުތަކީ ގިނަ އަދަދެއްގެ ބަޔަކު ނިދާފައި ތިއްބާއެވެ.

ސިވިލް ޑިފެންސުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމާރާތް ވެއްޓުނު ހާދިސާގައި ތިން މީހަކު ސަލާމަތްވި ކަމަށެވެ. އޭގެ ސަބަބެއް އަދި ނޭނގޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި ހާދިސާގައި އަށް މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ހުކުރު ދުވަހު ބުނެފައެވެ.

ޕަރްނަމްބޫކޯގެ ގަވަރުނަރު ރަކުއެލް ލައިރާ ކުރެއްވި ޓުވީޓެއްގައި ތައުޒިޔާ ވިދާޅުވެފައިވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް ސްޓޭޓް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.

ގާތްގަނޑަކަށް 1.5 މިލިއަން މީހުން ދިރިއުޅޭ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ރެސިފަށް މިފަހަކަށް އައިސް ބޯކޮށް ވާރޭ ވެހުމުގެ ގިނަ ހާދިސާތަކެއް ހިނގާފައި ވެއެވެ.