އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ ދެމަފިރިން ކަމަށްވާ ޕަރްނީތީ ޗޯޕްރާ އާއި ރާގަވް ޗައްޑާ ދާދި ފަހުން ވަނީ އުދޭޕޫރުގައި ކައިވެނިކޮށްފައެވެ. އެ ހަފްލާގައި ބައިވެރިވާނެ ކަަމަށް ބެލެވޭ އެންމެ އުންމީދީ މެހެމާނުންގެ ތެރޭގައި މަޝްހޫރު ބަތަލާ އަދި ޕަރްނީތީގެ ކަޒިން ދައްތަ ޕްރިޔަންކާ ޗޯޕްރާ ހިމެނުނު ނަމަވެސް، ޕްރިޔަންކާ މި ހަފްލާގައި ބައިވެރި ވެފައެއް ނުވެއެވެ. އަނެއްކާ ކިހިނެއްވީ ބާއެވެ.؟

މިއާއެކު އެންމެ ބޮޑަށް ދެކެވެން ފެށި ވާހަކައަކީ ދެ މީހުންގެ މެދުގައި މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމުގެ ވާހަކައެވެ.

ކައިވެނީގެ ފޮޓޯތައް ހިއްސާކުރަމުން ޕަރިނީތީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، "ހެނދުނުގެ ނާސްތާ މޭޒުދޮށުގައި އެންމެ ފުރަތަމަ ދެއްކި ޗެޓުން ފެށިގެން އަހަރެމެންގެ ހިތްތަކަށް އެނގުނު. އެތައް އިރެއް ވަންދެން މިދުވަހަށް އިންތިޒާރު ކުރަމުން ދިޔައިން. އެންމެ ފަހުން މިސްޓަރ އެންޑް މިސިޒް އަށް ވުމަކީ ވަރަށް ބޮޑު ނަސީބެއް. އެކަކު އަނެކަކާ ނުލައި އުޅެވޭކަށް ނެތް.".

އެ ފޮޓޯ އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ފުރަތަމަ ޕޯސްޓް ކުރި މީހުންގެ ތެރޭގައި ޕްރިޔަންކާ ހިމެނެއެވެ.

"ވަރަށް ފުރިހަމަ ފޮޓޯގަނޑެއް. އަލަށް ކައިވެނި ދެމަފިރިންނަށް އެމީހުންގެ ހާއްސަ ދުވަހު ލޯބި ފޮނުވަން. ޗޯޕްރާ އާއިލާއަށް މަރުހަބާ ރަގަވް.".

އެ ޕޯސްޓް ކުރުމާއެކު ޕްރިޔަންކާ އެ ހަފްލާ ނެތް ކަމުގެ ވާހަކަތައް ދެކެވެން ފެށިއެވެ.

މީގެ ކުރިން ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްޅާ ޕަޕަރާޒީންނާ ހިއްސާކުރި ގޮތުގައި ޕްރިޔަންކާ އުޅެނީ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ. އެހެންވެ ޕްރިޔަންކާ މި ހަފްލާއިން ނުފެންނާނެއެވެ.

މަދޫ އެ ކައިވެނީގެ ހަފްލާގައި ބައިވެރިވި އިރު، ޕްރިޔަންކާ އުޅެނީ އޭނާގެ ޖޯނަސް ބްރަދާސް ޓުއާގައި ފިރިމީހާ ނިކްއާއެކު ބިޒީކޮށެވެ.