ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލަ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރެވެ.

ހުމައިދާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް އިންތިހާ އަށް ގެއްލުން ބޮޑު، ރާއްޖޭގެ ގުދުރަތީ ވެއްޓާއި ދިރުންތަކުގެ މުއްސަނދިކަމުން ހޯދާ އިގްތިސާދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވައި މާލީ ގޮތުން ދެކޮޅު ނުޖެހޭ ދަރަނި ބޮޑު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ޕްރޮޖެކްޓެއް ކަމަށް ބަލައި އެ ޕްރޮޖެކްޓް ހުއްޓުވައި ދިނުމަށް އެދިއެވެ.

އެކަމަކު، ސިވިލް ކޯޓުން ނިންމީ މަޝްރޫއު މަޑުޖައްސާލަން ޖެހޭ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.

އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަދު ހެނދުނެވެ. ބަންޑާރަ ނައިބުގެ ފަރާތުން ހައި ކޯޓުގެ އަމުރު އިސްތިއުނާފް ކުރިއިރު، އެ ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ދިނުމަށް ވެސް ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.

ވަޒީރު މުއްތަލިބު ވިދާޅުވީ، ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރި ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަަމަށެވެ.

ގުޅިފަޅު ހިއްކުން މިވަގުތު ކުރިއަށް ގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައިގައި އެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެހެ

    ނޫސްވެރިޔާ މި ޝުރުޚީ ޖަހާލިއިރު ، ގެއްލުންވާ ސަބަބު ބަޔާންކޮށްފައެއްނެތް ،

  2. ގުމުރީ

    ރައްޔިތުންނަށް ހެޔޮ އެދޭބަޔަކު ކޮއްފައޮތީމަ ހުއްޓުވާފަ ނުބޭއްވިގެން ތިއުޅެނީ....

  3. އަބްދޫ

    ތިޔައީ ރަނގަޅުވާހަކައެއް . އެކަމަކު އެތަން އަބުރާއތުލައިފިނަމަ ވެސް ލިބޭގެއްލުންއެއަށް ވުރެ ބޮޑު. ގައުމުގަ ކަންކަން ހިންގާގޮތަ އެގޭ ބަޔަކު އެމްޑީޕީ އަށްޥޯޓް ނުދޭނެ. އެމްޑީޕީން ވެރިކަމަށް އައި ދެފަހަރުވެސް ގައުމަށް ވަރަށް ބޮޑެތި ގެއްލުންވަނީދީފަ.