ރ. އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކޮނުމާއި ބިން ހިއްކުމުގެ މަސައްކަތުގެ %63 މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި، 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މި މަޝްރޫއަކީ 71.08 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އުނގޫފާރުގެ ފަޅުން، ބިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކާ ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު ސްކޯޕްގައި އޮތް ވަރަށްވުރެ އިތުރަށް ތިން ހެކްޓަރު، ހިއްކުމުން ފަޅު ތެރޭގައި ހިއްކަން އޮތް އެންމެ ބޮޑަކަށް ހިއްކޭ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ވައުދުވި ގޮތަށް އެކަން ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ ފަޅު ތެރެއިން ހިއްކަން އޮތް އެންމެ ބޮޑަކަށް، އިތުރު ތިން ހެކްޓަރު އިތުރުކޮށްގެން އިރާދަކުރެއްވިއްޔާ ހިއްކާނީ،". ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު